ޚަބަރު

ޕީއެސްއެމްގެ އެޑިޓޯރިއަލް މިނިވަން ނޫން ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)/ ފޮޓޯ: މަޖިލީސް

ޕަބްލިކް ސާވިސަސް މީޑިއާ (ޕީއެސްއެމް)ގެ އެޑިޓޯރިއަލް މިނިވަން ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މައްސަލައެއް މިއަދު ހުށަހަޅުއްވައިފި އެވެ.

Ads by STELCO

މެންބަރު ކުޑޫ މައްސަލައެއް ހުށަހެޅުއްވި އިރު ޕީއެސްއެމްގެ އަށްވަނަ އަހަރީ ދުވަހަކީ މިއަދެވެ.

ޕީއެސްއެމްގެ ގާނޫނުގައި ވަކި ފަރާތަކަށް ބުރަ ނުވާ ގޮތަށް އެޑިޓޯރިއަލް އޮންނަން ޖެހޭނެ ކަަމަށް ގާނޫނުގެ ފަސްވަނަ އަދި ހަވަނަ މާއްދާގައި ދައުލަތުގެ މީޑިއާގެ މައްޗަށް ލާޒިމުކޮށް ބަޔާންކުރާ ބައެއް ކަންކަން ފާހަގަކޮށްފައިވެ އެވެ؛

  • ދީނީ، އިގުތިސޯދީ، އިޖުތިމާއީ، ސިޔާސީ، އަދި މި ނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި، ހޭލުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރުން
  • ދިވެހި ރައްޔިތުންނަށް މުހިންމު ވާނެ ބައިނަލްއަގުވާމީ އެކި ކަންކަމާއި ގައުމީ އެކި ކަންކަމުގެ ހަބަރާއި މައުލޫމާތާއި ކަން ހިނގައިދިޔަ ގޮތް އަދި ހިނގަމުންދާ ގޮތް އަންގައިދިނުން
  • މުޖުތަމައަށް ބޭނުންތެރި ތަފާތު ފިކުރުތަކާއި ހިޔާލުތަކަށް އަދި އާ ވިސްނުންތަކަށް ޖާގަ ދިނުމަކީ ދައުލަތުގެ މީޑިއާގެ އެޑިޓޯރިއަލް ސިޔާސަތަކަށް ވާން ޖެހޭ
  • ދައުލަތުގެ މީޑިއާއަކީ ނުފޫޒުން އެއްކިބާވެފައިވާ އެޑިޓޯރިއަލް މިނިވަންކަން ފުރިހަމައަށް ލިބިގެންވާ މުއައްސަސާއެއް ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތަކުން ވެސް މަސައްކަތް ކުރަން ޖެހޭ
  • ވަކި ފަރާތެއްގެ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެ ނޫން ވެސް ޒާތީ މަސްލަހަތެއް ހިމާޔަތް ކުރުމަށް ޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ދައުލަތުގެ މީޑިއާއިން ހިންގައިގެން ނުވާނެ

ނަމަވެސް ޕީއެސްއެމް ހިންގުމުގައި އެއްވެސް ހަމަހަމަ ކަމެއް ނެތް ކަމަށާއި ފުރުސަތު ދިނުމުގައި ވެސް ހަމަހަމަ އުސޫލެއް ނުގެންގުޅޭ ކަމަށް އަދި އެޑިޓޯރިއަލް މިނިވަންކަމެއް ވެސް ނެތް ކަމަށް ކުޑޫ ވިދާޅުވެފައިވެ އެވެ.

އެ މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަހުސްކުރެއްވުމަށް ކުޑޫ އެދިވަޑައިގެންފައިވެ އެވެ.

Ads by HDC