ހީނާމާގެ ޕާކިންގ ސަރަޙައްދުން އަނެއްކާވެސް ބިދޭސީންތަކެއް ހައްޔަރުކޮށްފި

މާލޭގެ ހީނާމާގެ ޕާކިން ސަރަހައްދުގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ހަތަރު ބިދޭސީން ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަންއިން ބުނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން މާލޭގެ ހީނާމާގެ ޕާކިންގް ސަރަޙައްދުގައި އިއްޔެ ހަރަކާތްތެރިވަމުންދިޔަ 11 ބިދޭސީން ބަލައި ފާސްކުރި ކަމަށެވެ.
އަދި އޭގެ ތެރެއިން ހަތަރު ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވެސް އިމިގްރޭޝަންއިން ބުންޏެވެ.
އިމިގްރޭޝަނުން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހީނާމާގެ ޕާކިން ސަރަހައްދަށް އަމާޒުކޮށްގެން ރެއިޑް އޮޕަރޭޝަންތަކެއް ހިންގާފައެވެ. އެގޮތުން ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު 17 ބިދޭސީން ވަނީ އެ ސަރަހައްދުން ހައްޔަރުކޮށްފައެވެ. އަދި މިދިޔަ މާޗު މަހުގެ 24 ވަނަ ދުވަހު ހިންގި ރެއިޑުން ފަސް ބިދޭސީއަކު ހައްޔަރުކުރި އެވެ،
ހޯމް މިނިސްޓްރީ އާއި، އިމިގްރޭޝަން ފުލުހުންގެ ހިދުމަތް ގުޅިގެންދަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
އަދި ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓް ފޯމެއްވެސްވަނީ ގާއިމުކޮށްފަ އެވެ.
އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެ އެވެ.
