ޚަބަރު

ޖުޑީޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް އެ ކަން ހުއްޓާލަން އަދާލަތުން ގޮވާލައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ޝޭހް އިމްރާން އަދާލަތުގެ ބައްދަލުވުމެއްގައި

ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށް އެ ކަން ހުއްޓާލަން އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

Ads by STELCO

އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މަސްލަހަތު އޮތް ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށް ވަކިކުރަން ހިފީ އެ މައްސަލަ ވަކި ގޮތަކަށް ނިންމަން ނުފޫޒު ފޯރުވާން ވެގެން ކަމަށެވެ.

ސުޕުރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމުގައިވާ ޑރ އަޒްމިރާދާ ޒާހިރާއި މަހާޒު އަލީ ޒާހިރާއި އަދި ހުސްނުއްސުއޫދު ސަސްޕެންޑްކުރީ ފެބްރުއަރީ 26ގަ އެވެ. މާޗު 4ގައި ސުއޫދު މަގާމުން އިސްތިއުފާ ދެއްވި އެވެ.

އަދާލަތު ޕާޓީން ބަޔާން ނެރުނު އިރު އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވަނިކޮށެވެ.

"މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ދައުލަތް ހިންގުމުގެ ނިޒާމު ރޫޅާލައި، ޤާނޫނު އަސާސީގެ ބާރުކަނޑުވާލުމަށްޓަކައި ރާވައިގެން ހިންގާ ނުރައްކާތެރި ޖަރީމާއެކެވެ." އަދާލަތު ޕާޓީން ނެރުނު ބަޔާނުގައިވެ އެވެ.

މިކަމުގެ ސަބަބުން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ލިބިގެންވާ މުސްތަގިއްލު ހައިސިއްޔަތު ގެއްލި، ގާނޫނުއަސާސީގެ ބާރު ކެނޑި، ދައުލަތް ހިންގުމަށްޓަކައި ކަނޑައަޅާފައިހުރި އިންތިޒާމުތަކާއި ތަރުތީބުތައް ރޫޅި، ދިމުގުރާތީ ސިފަތައް ގެއްލިގެންދާ ކަމަށް ވެސް ބުންޏެވެ.

ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގައި އަޑުއެހުމެއް ފަށަން ވަރަށް ކުޑަތަން ވެފައި ވަނިކޮށެވެ.

Ads by Allied Insurance