މޯބައިލް ސިގްނަލް ބޫސްޓަރާއި ރިޕީޓަރު އިންސްޓޯލް ނުކުރަން އަންގައިފި
މޯބައިލް ސިގްނަލް ލިބޭ މިންވަރު ރަނގަޅުކުރުމަށްޓަކައި އަމިއްލައަށް ބޫސްޓަރާއި ރިޕީޓަރު ފަދަތަކެތި އިންސްޓޯލް ނުކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީން އަންގައިފި އެވެ.
އެ އޮތޯރިޓީން ރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް ބައެއް ފަރާތްތަކުން މޯބައިލް ސިގްނަލް ލިބޭ މިންވަރު ރަނގަޅުކުރުމަށް އަމިއްލައަށް ބޫސްޓަރާއި ރިޕީޓަރު ފަދަތަކެތި އިންސްޓޯލް ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިފަދަ ބާރުގަދަ ރިޕީޓަރު ފަދަތެކެތި ބޭނުންކުރުމުން އެބަހައްޓާ ތަނެއްގެ މޯބައިލް ސިގްނަލް ވަރުގަދަވިޔަސް، ރިޕީޓަރު ބަހައްޓާ މުޅި ސަރަހައްދުގެ މޯބައިލް ސިގްނަލަށް ނޭދެވެ އަސަރުކުރާ ކަމަށާއި އަދި މިކަމުގެ ސަބަބުން ސަރަހައްދުގެ އެހެން ފަރާތްތަކުން މޯބައިލް ފޯނު ބޭނުންކުރުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.
އެހެންކަމުން މޯބައިލް ފޯނުގެ ސިގްނަލް ހޯދުމަށްޓަކައި ސިގްނަލް ބޫސްޓަރާއި ރިޕީޓަރު ފަދަ ތަކެތި އާންމު ފަރާތްތަކުން އަމިއްލައަށް އިންސްޓޯލް ނުކުރަން އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މޯބައިލް ފޯނުގެ ސިގްނަލް ލިބުމުގައި މައްސަލަ އުޅޭނަމަ، އެކަން މޯބައިލް ހިދުމަތްދޭ ކުންފުނިތަކަށް އެންގެމުން އެ މައްސަލަ ހައްލުކޮށްދޭން އެ ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށާއި މިކަމާއި ގުޅޭގޮތުން ހިދުމަތްދޭ ފަރާތްތަކާއި އެ އޮތޯރިޓީން މިހާރު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.