ޚަބަރު

އަމިއްލަ ހަރަދުގައި މަތިވެރީގައި އެއާޕޯޓެއް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަތިވެރި މަތީން ނަގާފައިވާ ފޮޓޯ - ފޮޓޯ: އައިލެންޑް އެމްވީ

އއ، މަތިވެރީގައި އެއާޕޯޓެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

Ads by MPL

ކޮންސްްޓަކްޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެކަމަށް ޝައުުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް(އީއޯއައި) ހުށަހަޅުމުގެ ފުރުސަަތު އަންނަ މަހުގެ 15 އާ ހަމައަށް ހުޅުވާލައިފަ އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ ކްރޮސް ސަބްސިޑީ މޮޑެލްއަށެވެ. އެ ގޮތުން އަމިއްލަ ހަރަދުގައި ހިންގަން ހުށަހެޅުން (ކޮންޓްރެކްޓާ ފައިނޭންސިން) އުސޫލުގެ އިތުރުން ސަރުކާރާއި ކުންފުނިން ހަރަދުގައި ޝާމިލުވާ ގޮތަށް (ޕްރައިވެޓް ޕަބްލިކް ޕާޓްނާޝިޕް) އުސޫލުން ނޫނީ ލޯނު ފައިނޭންސިންއެއް ހަމަޖައްސައިގެން ހުށަހެޅުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ލޯނު ފައިނޭންސްއިންއާއި ކަންކަން ހަމަޖައްސަން ޖެހޭނީ އެ މަޝްރޫއު ހަވާލުކުރާ ފަރާތުން ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު މަތިވެރިއަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މަތިވެރީގައި އެއާޕޯޓް އެޅުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ.

ރައީސް އޭރު ވިދާޅުވީ މަތިވެރީގައި އެއާޕޯޓެއް އެެޅުމަކީ އެ ރަށަށާއި އިގުތިސާދީ ގޮތުން ވެސް ދެކޮޅު ޖެހޭ 'އިކޮނޮމިކަލީ ވައިބަލް'ކަމެއް ކަމަށެވެ. އަދި މަތިވެރި ކައިރީގައި ރިސޯޓުތައް ވެސް ހުރުމާއެކު ލޯކަލް ޓޫރިޒަމް ވެސް ފުޅާކޮށް އެ ރަށުގައި އެއާޕޯޓެއް އޮތުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަތިވެރީގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަރި އަތޮޅުގައި މި ވަގުތު އެއާޕޯޓެއް އޮންނަނީ އދ. މާމިގިލީގަ އެވެ.