ރައްކާތެރިކަން ނުބެލެހެއްޓޭނަމަ ބުރިޖު މާލޭ ސިޓީ ކައުންސިލްއާ ހަވާލުކުރޭ: ސައިފް

"ސިނަމާލެ ބްރިޖް" ގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނުބެލެހެއްޓޭ ނަމަ އެ ބުރިޖު މާލެ ސިޓީ ކައުންސިލާ ހަވާލު ކުރުމަށް ކުރުމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފު ފާތިހު ގޮވާލައްވައިފި އެވެ.
އެގޮތުންމާލެއިން ބުރިޖުން އަރައިގެން ގޮސް ހުޅުމާލެއަށް އަރާއިރު ސްޕީޑް ލިމިޓް ހަނދާންކޮށްދިނުމަށް ބަހައްޓާފައި އިންނަ ބޯޑު އިންނަނީ ކުލަވެއްޓިފައި ކަމަށް ސައިފް ވިދާޅުވި އެވެ.
އެޗްޑީސީގެ އިތުރުން ފުލުހުންވެސް ރަނގަޅަށް ޒިންމާ އަދާ ނުކުރައްވާކަން ފާހަގަކުރައްވައި ސައިފް ވިދާޅުވީ އެއް އިރެއްގައި ގިނަ ޢަދަދަކަށް، ޓްރެފިކް ޕޮލިހުން ބްރިޖް ބަލަހައްޓަމުން ދިޔަ ކަމުގައި ވިޔަސް، މިހާރު ބްރިޖް މަތިން އެ ކަން ނުފެންނަ ކަމަށެވެ.
އަދި ބްރިޖް މަތީ ހުންނަ ކެމެރާތައް މަސައްކަތް ނުކުރާ ކަމަށް ފުލުހުން ބުނާކަމަަށް ވެސް ސައިފް ވިދާޅުވި އެވެ.
"އަޅުގަނޑު އާދޭހާއެކު ސަރުކާރުގައި ދަންނަވަން. ޓްރާންސްޕޯޓް މިނިސްޓްރީއާއި ހުޅުމާލެ ބެލެހެއްޓުމާ ހަވާލުވެ ހުރި އެޗްޑީސީއަށް ވެސް ދަންނަވަން. ކޮންސިސްޓަންޓްކޮށް މިކަން [ޒިންމާދާކަމާއެކު ރަނގަޅަށް] ކުރައްވަން ޖެހޭ. ނުކުރެއްވޭ ކަމަށްވަންޏާ އަޅުގަނޑުމެންނާ ހަވާލުކުރައްވާ." ސައިފް ވިދާޅުވި އެވެ.
