ރައީސަށް އިނގިލި ދިއްކުރާއިރު ސޯލިހާއި ޔާމީން މާ ހުތުރު: އައިބީ

ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ "ރައީސް އަބްދުﷲ ޔާމީންގެ ހުސް ގޮނޑި" ދައްކައިގެން ކަމަށް ބުނެ އިނގިލި ދިއްކުރާ ވަރަށް ވުރެ ކުރީގެ ރައީސް ޔާމީނާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާ ހުތުރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) މިރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައިބީ އިޝާރާތްކުރެއްވީ ފުރަތަމަ ޔާމީން ވެރިކަމަށް ވަޑައިގަތް ގޮތެވެ. އައިބީ ވިދާޅުވި ގޮތުގައި 2013 ގެ ރިޔާސީ ޕްރައިމަރީ އުމަރު ނަސީރާ ވާދަކުރައްވައިގެން ޔާމީން ކާމިޔާބުވެވަޑައިގަތީ "ރައީސް މައުމޫން ޔާމީންގެ އަތްޕުޅުގައި ހިއްޕެވީމަ" ކަމަށެވެ.
ޔާމީނަށް ވެރިކަން ލިބިވަޑައިގަތީ މައުމޫނުގެ ސަބަބުން ކަމަށް ތަކުރާރުކޮށް އައިބީ ވިދާޅުވި އެވެ. ނަމަވެސް ވެރިކަމުގައި މައުމޫނާ އެކު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން ޕީޕީއެމްގެ ރައީސް ކަމުން މައުމޫން ދުރުކުރުމަށް ފަހު، މައުމޫން ޖަލަށް ލީ ކަމަށް ވެސް ވިދާޅުވި އެވެ. މައުމޫނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި މައުމޫނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ޖަލަށް ލި ކަން ވެސް ފާހަގަކުރެއްވި އެވެ.
"ވެރިކަމަށް އައުމަށް އެހީވި އެހެން މީހުން ވެސް ޖަލަށް ލި. [މާމިގިލި ދާއިރާގެ މެންބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު] ގާސިމް އިބްރާހީމް ވެސް ޖަލަށްލި،" ޔާމީނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގައި ވެރިކަންކުރާ ޕީޕީއެމް ތަމްސީލްކުރައްވައި، ޔާމީނާއެކު ސިޔާސީ މަސައްކަތުގައި އޭރު ހުންނެވި އައިބީ ވިދާޅުވި އެވެ.
އޭގެ އިތުރުން އެމްޑީޕީގެ ތެރެއިން މިދިޔަ ސަރުކާރުގައި ވެސް ފެނުނީ އެފަދަ މަންޒަރެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބުރަ މަސައްކަތްޕުޅުން ބޮޑުކުރެއްވި ޕާޓީއެއް ކަމަށް ވިދާޅުވި އެވެ. ކުރީގެ ރައީސް ސޯލިހަށް ވެރިކަން ލިބެނީ ވެސް ނަޝީދުގެ ބޮޑު ތާއީދަކުން ކަން ފާހަގަކުރައްވައި ވިދާޅުވީ، އެ ވެރިކަމުގައި ނަޝީދަށް ވެސް ކުރިމަތިވީ 'މާ ނިކަމެތި ކަމެއް' ކަމެވެ.
"ހަމައެކަނި އެމްޑީޕީން ރައީސް ނަޝީދު ބާކީކުރީކީ ނޫން. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދުވަސްވަރު [ސެކިއުރިޓީ ބްރީޗްވެގެން] ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލީ. އެ މައްސަލަ ތަހުގީގު ކުރެވުނުތޯ އެ ވެރިކަމުގައި،" އައިބީ ވިދާޅުވި އެވެ.
ރައީސް ޔާމީނަށް އެހާ ނިކަމެތި ގޮތަކަށް މި ސަރުކާރުން ކަން ނުކުރާއިރު ސަރުކާރުގެ މުޅި ފޯކަސް އޮތީ މިފަދަ ސިޔާސީ ކަންކަމަށް ވުރެ ސަރުކާރު ހިންގައިގެން ނަތީޖާ ނެރުން ކަމަށް އައިބީ ވިދާޅުވި އެވެ. ޔާމީނުގެ ވެރިކަމުގައި ވެސް ތަރައްގީގެ މަޝްރޫއުތަކުގެ ފަހަތުގައި ހުންނެވީ މިހާރުގެ ރައީސް އަދި އޭރުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުއިއްޒު ކަން ފާހަގަކުރެއްވި އެވެ.