ޚަބަރު

ފަނޑިޔާރުން ވަކިކުރީ ޖުޑީޝަރީގެ މިނިވަންކަން ގެއްލުމުގެ ޖާގަ ލިބޭނެ ގޮތަކަށް: އދ. ގެ މަންދޫބު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އަދި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަލްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު / ފޮޓޯ:ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރުއާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރީ، ޖުޑީޝަރީގެ މިނިވަންކަން ގެއްލިގެންދާން ޖާގަ ލިބޭނެ ގޮތުގެ ކަންބޮޑުވުން އުފެދޭ ގޮތަށް ކަމަށް އދ. ގައި ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް ވަކާލާތު ކުރާ ގުނަންގެ ރެޕަޓުއާ ނުވަތަ މަންދޫބު މާގަރެޓް ސެޓާވެއިޓް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިއުއްވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މި ނިންމީ، ރައްޔިތުންގެ މަޖިލީހުގެ ވެސް މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށެވެ. އެ މައްސަލައަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު އޮއްވައި ފަނޑިޔާރުންނަށް އިންސާފުވެރި ތަހުގީގެއް ނުލިބި ވަކިކުރުމަކީ ޖުޑީޝަރީގެ މިނިވަންކަން ގެއްލުނު ކަމުގެ ކަންބޮޑުވުން އުފެދޭނެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައިވެ އެވެ.

"ފަނޑިޔާރުން ހަމައެކަނި ވަކިކުރެވޭނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ފަނޑިޔާރަކު ނުކުޅެދޭ ހާލަތުގައި ނުވަތަ މަގާމުން ވަކިކުރެވޭނެ ފަދަ އަމަލެއް ހިންގާ ހާލަތުގައި އެ ކަންކަން ބެލުމަށް އޮންނަ ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން، އިޖުރާއަތްތައް ފުރިހަމަކޮށްގެން އިންސާފުވެރި ތަހުގީގެއް ހިންގުމަށްފަހު،" މާގަރެޓް އެކްސްގައި ލިިއުއްވި އެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފެށީ ވެސް އިޖުރާއަތާ ހިލާފަށް ކަމަށް މަޖިީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ، ޖޭއެސްސީން ފޮނުވި މައްސަލަ ދިރާސާކުރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވެސް ލަފާ ދެއްވި އެވެ.

ނަމަވެސް މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުންނާއި، ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކްގެ އިތުރުން ޖޭއެސްސީގެ ރައީސްގެ މަގާމު ފުރުއްވާ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ވެސް ވަނީ ޖޭއެސްސީގެ ނިންމުން ދިފާއުކުރެއްވި އެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލައެއް ބެލުމަކީ ކޮމިޝަނަށް ލިބިދޭ ބާރެކެވެ.

އެ ދެ ފަނޑިޔާރުން ވަކިކުރީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކުރި މަޖިލީހަކަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނާ މައްސަލައެއްގަ އެވެ.

ލަތީފްގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ނެތުމުން، އެ ދުވަހު ބަންދުން ދޫކޮށްލި އެވެ. ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ވެސް ނިންމީ ހެކި ނެތުމުން ދައުވާ ނުކުރުމަށެވެ. އަދި ފުލުހުން ވެސް ހެކި ނެތް ކަމަށް ބަލައި، މައްސަލަ އޭރު ފައިލްކޮށްފައިވެ އެވެ. އޭނާ ހައްޔަރުކުރީ ޑިސެމްބަރު މަހު ކުރީކޮޅުގަ އެވެ. ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަން ފެށީ ފެބްރުއަރީ މަސް ތެރޭގަ އެވެ.

ފަނޑިޔާރުން ފެބްރުއަރީ 26 ގައި ސަސްޕެންޑްކުރީ އިންތިހާބުވި ސިޔާސީ ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަންވެފައިވަނިކޮށް، އަދި ފަނޑިޔާރުން ކޯޓު ރޫމަށް ވަޑައިގަންނަވަން ތައްޔާރުވެގެން ކޯޓުގައި ތިއްބަވަނިކޮށެވެ.

Ads by Ooredoo