ރައުދުގެ ބަންދު މަޖިލިސްތައް ސިއްރުކުރަން ނިންމައިފި

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް (21އ) ގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސްތައް ސިއްރުކުރަން ކޯޓުން ނިންމައިފި އެވެ.
ރައުދު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިހާތަނަށް ހަތަރު އަމުރެއް ނެރެފި އެވެ. އެއިން ފުރަތަމަ ދެ އަމުރު ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި އާންމު ކުރި ނަމަވެސް ފަހު ދެ އަމުރު ސައިޓަށް ލާފައެއް ނުވެ އެވެ.
ކްރިމިނަލް ކޯޓުން ބުނީ ތިންވަނަ މަޖިލީހުން ފެށިގެން ސިއްރުން އެ އަޑުއެހުންތައް ގެންދަން ނިންމާފައިވާ ކަމަށެވެ. އެ ގޮތަށް ނިންމީ ގާނޫނުއަސާސީގެ 42ވަނަ މާއްދާގައި ބަޔާންކުރާ ޝަރީއަތް ސިއްރުކުރަން އޮންނަ ހާލަތްތަކަށް ރިއާޔަތްކޮށްގެން ކަމަށް ކޯޓުން ބުންޏެވެ؛
- މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުން، ނުވަތަ މުޖުތަމައުގެ އަމަންއަމާންކަން ގާއިމުކުރުން، ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ބުރޫ އެރިއަ ނުދިނުން
- ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދީންގެ މަސްލަހަތު ހިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަސްލަހަތު ރައްކާތެރިކުރުން
- އާންމުކޮށް ހުޅުވާލައިގެން ޝަރީއަތް ހިންގައިފިނަމަ އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅިދާނެ ހުރަހަކުން މިންޖުވުން
ހ. މިޓާޒު ގޭގެ ފުރާޅުމަތީގައި ޔުމްނު އޮއްވާ ފެނިފައި ވަނީ އެޕްރީލު މަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު އެވެ. ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި ވަނީ ޖެހިގެން ހުރި ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ވެއްޓުމުގެ ކުރިން، ފެންޓެނޯއީގޭގެ ސިޑިމަތީގައި ރައުދު އާއެކު އުޅުނު ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
މައްސަލަ އާ ގުޅިގެން ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.
ފުލުހުން ފުރަތަމަ ބުނެފައިވާ ގޮތުގައި ޔުމްނު ވެއްޓުމުގައި ރައުދު ނުވަތަ އެހެން މީހެއްގެ ބައިވެރިވުން ނެތް ކަމުގަ އެވެ. އެހެންނަމަވެސް އަލުން ރައުދު ހައްޔަރުކޮށްފައި ވަނީ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ދެމުން ނުދާކަން ފާހަަގަކޮށެވެ.
ރައުދުގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރި ދެވަނަ ކޯޓު އަމުރުގައިވާ ގޮތުން ފެންޓެނޯއީގޭގައި އުޅުމުގެ ތެރޭގައި ޔުމްނު އާއި ރައުދު އާ ދެެމެދު "ހަމަނުޖެހުމެއް" ހިނގި އެވެ. އެކަމަކު އެއީ ކޮންކަމަކާ ގުޅިގެން ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.
ޔުމްނު ވެއްޓުނު ރޭ މއ. މާންދޫގޭދެކުނުގެއަށް ދިޔަ އެވެ. އެ ގެއަށް ދިޔަ މީހުންނާއި އޭނާ އާއެކު އުޅުނު މީހުން ދެނެގަނެ، އެ މީހުންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.
