ބޭރު ދުނިޔެ

ކޯވިޑް19: އެމެރިކާގެ ހޮސްޕިޓަލުތައް މަރުވެފައިވާ ހަށިތަކުން ފުނިޖެހެނީ!

ދެން އެމްވީ

ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޯވިޑް19 ވައިރަސް، މިދުވަސްކޮޅު އެންމެ ބާރުމިނުގައި ފެތުރޭ އެއް ގައުމަކީ އެމެރިކާއެވެ.

އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީއިން މިދިޔަ ހޯމަ ދުވަހު އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އެގައުމުގައި ކޯވިޑް19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 10000 އަށް ވުރެ މައްޗަށް އަރާފައެވެ. އެމެރިކާގައި ކޯވިޑް19 ޖެހޭ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ދާއިރު، ބަލިޖެހިގެން މަރުވާ މީހުންގެ ހަަށިތަކުން ހޮސްޕިޓަލުތައް ދަނީ ފުރެމުންނެވެ.

އެމެރިކާގެ ކޯވިޑް19 ޓާސްކް ފޯސްގެ މެމްބަރެއް އަދި ފިޒީޝަނެއް ކަމަށްވާ އެޑްމަޔަރަލް ބްރެޓް ގިރޮޔާ ބުނީ، މިހަފްތާ ވެގެންދާނީ އެގައުމުގެ އައިސީޔޫތަކާއި ހޮސްޕިޓަލުތައް ކޯވިޑް19 ޖެހޭ މީހުންތަކުން ފުރި، ބަލިޖެހިގެން އެންމެ ގިނަ މީހުން މަރުވާނެ ހަފްތާއަށް ކަމަށެވެ.

ކޯވިޑް 19 ޖެހިގެން އެމެރިކާގައި މަރުވާ މީހުންގެ އަދަދު 240000 އަށް އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވައިޓް ހައުސްގައި މަސައްކަތް ކުރާ ސިއްހީ ތަޖްރިބާކާރެއް ވަނީ ބުނެފައެވެ. އެމެރިކާ އަކީ މިވަގުތު ކޯވިޑް19 ޖެހިގެން ތިންވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމެވެ. ކޯވިޑް 19 ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީގައެވެ. ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ސްޕެއިންގައެވެ.

8 މިލިއަން މީހުންގެ އަބާދީއެއް އޮންނަ ނިއުޔޯކް ސިޓީގައި ކޯވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 130000 އަށް އަރާފައެވެ. ނިއުޔޯކްގައި ކޯވިޑް19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 4750 އަށް އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!