ޚަބަރު

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

. ، ދެން އޮންލައިން

ރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

Ads by MPL

މިއީ، ރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ކަމާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެފަދަ ކުށްތައް ހުއްޓުވުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ ބާރުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުން ކުޑަކުދިން ދުރުކުރުމަށް ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް މޮނިޓާކޮށް ކޮންޓްރޯލްކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެނޫންވެސް ކަމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

ގޭންގް ގާނޫނަކާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި، ތޫނު ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނަކަށް، 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދަނީ އަމަލު ކުރެވެމުންނެވެ. ނަމަވެސް މި 2 ގާނޫނުންވެސް ނަތީޖާއެއް ނެރެވިފައިނުވުމާއެކު، ރައީސް މިއަދު ތަސްދީގުކުރެއްވި ގާނޫނުގެ ބޭނުމަކީ، ރައްޔިތުން އެދޭ ފަދަ ހައްލެއް ގެނައުމެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ އައު ގާނޫނުގެ ސަބަބުން އަންނާނެ މުހިންމު ބައެއް ބަދަލުތަކުގެ ތެރޭގައި:

  • ގޭންގުތަކުގެ ބާރުވެރިކަން ކަނޑުވާލުމުގެ ގޮތުން، ގޭންގުތަކާއި އަދި ގޭންގްތަކާއި ގުޅިފައިވާ ފަރާތްތަކަކީ ކޮބައިކަން ކޯޓު މެދުވެރިކޮށް ކަނޑައެޅުން
  • ގޭންގުތަކަށް ފައިސާ ހަރަދުކުރާ މީހުން ހުއްޓުވުން
  • ގޭންގްތަކާއި ގުޅިގެން، ނުވަތަ އެނޫން ބޮޑެތި ކުށްކުށަށް އަރައިގަނެގެން، ނުހައްގު މުއްސަނދިކަން ހޯދާފައިވާ މީހުންގެ މައްސަލަތައް ތަހްގީގުކޮށް، އެގޮތުން ހޯދާފައިވާ ފައިސާއާއި މުދާ ކޯޓު މެދުވެރިކޮށް ދައުލަތަށް ނެގުން
  • ގޭންގް ހަރަކާތްތަކާ ދެކޮޅަށް ކޮންޓްރޯލް ޑެލިވަރީ އަދި ސިއްރު އޮޕަރޭޝަންތައް ކުރިއަށްގެންދިއުން
  • ކުޑަކުދިން ގޭންގްތަކާ ގުޅުމާ، ބޮޑެތި ކުށްތައް ކުރުމުގައި ބައިވެރިވުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުން
  • ހާއްސަ މޮނިޓަރިން ކުރިއަށްގެންގޮސް މޮނިކޮން އަމުރުގެ ދަށުން ޓެގު އެޅުވުން
  • ކުށްކުރާ މީހުން މޮނިޓަރކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުވުން ހިމެނެ އެވެ.

ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ސަރުކާރުން މިދިޔަ 18 މަސްދުވަހުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން، ގޭންގް ކްރައިމް އެންފޯސްމެންޓްގެ ނަމުގައި ވަކި ވިންގެއް ފުލުހުންގެ ތެރޭގައި ޖުލައި 1، 2024 ގައި ގާއިމުކުރި އެވެ.

ގޭންގު ކުށްތަކާ ގުޅޭ މައްސަލަތަކުގައި މިދިޔަ 18 މަސްދުވަހު، ގްރޫޕުތައް އެއްވެ އުޅޭ ސަރަޙައްދުތަކުން 31511 މީހުން ހުއްޓުވައި ސުވާލުކޮށް އެކި މައްސަލަތަކުގައި 180 މީހަކު ހައްޔަރުކުރެވި، އޭގެ ތެރެއިން 83 މީހަކާ ދެކޮޅަށް ދައުވާ އުފުލާފައިވެ އެވެ.

Ads by Allied Insurance