ލައިފްސްޓައިލް

ދުނިޔެއަށް ދެވަނަ ހަނދެއް ފެންނަނީ؟

ޢާއިޝަތު ނުޒުހާ

ދުނިޔެ ކައިރިން ދެވަނަ ހަނދެއް ފާޅުވަމުން އަންނަ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުގައި މި ކުޑަ ހަނދު މިހާރު އިނީ ދުނިޔެއާ 43000 ކިލޯމީޓަރު ކައިރީގައެވެ. އަދި މި ހަނދު މިއަހަރުގެ އޮކްޓޯބަރުގެ މަހާއި އަންނަ 2021 އަހަރުގެ މެއި މަހާއި ހަމައަށް ދުނިޔޭގެ އޯބިޓް ވަށައި ބުރު ޖަހާނެއެވެ.

ބައެއް ސައިންސްވެރިން ބުނާ ގޮތުގައި ދުނިޔެ ކައިރިން ފާޅުވަމުން އަންނަނީ އިންސާނުން ހަދާފައިވާ ސްޕޭސް ކްރާފްޓެކެވެ. އަދި އެއީ މީގެ ގަރުނެއް ކުރިން ސައިންސްވެރިން ޖައްވަށް ދޫކޮށްލި ރޮކެޓެއް ކަމުގައި ވެސް ބައެއް ސައިންސްވެރިން ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާގެ ފްލިންޑާސް ޔުނިވާސިޓީގެ ސްޕޭސް އާކިއޮލޮޖިސްޓެއް ކަމަށްވާ އެލިސް ގޯމަން، ސައިންސްއެލާޓް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި ދުނިޔެ ކައިރިން ފާޅުވަމުން އަންނަ ކަމަށް ބެލެވޭ ހަނދުގެ ވެލޯސިޓީ އާންމުކޮށް ހުންނަ ގިނިހިލައިގެ ވެލޯސިޓީއަށް ވުރެ ދަށެވެ. އަދި އެ ދަތުރުކުރަމުން އަންނަނީ ވަރަށް މަޑުން ކަން ވެސް އޭނާ ފާހަގަ ކޮށްފައި ވެއެވެ.

ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ނާސާގެ ސެންޓަރ ފޯ ނިއާ އާތް އޮބްޖެކްޓްސް ސްޓަޑީސް ގެ ޑިރެކްޓަރު ޑރ. ޕައުލް ޗޯޑަސް ބުނި ގޮތުގައި ހަނދު ކަމަށް ބެލެވޭ އެއްޗަކީ 1960 ގެ އަހަރު ތަކުގައި ޖައްވަށް ދޫކޮށްލި ބޫސްޓާ ރޮކެޓެއް ކަމަށް ބެލެވެއެވެ.

މީގެ އިތުރުންވެސް ގިނިހިލައެއް ދުނިޔޭގެ އޯބިޓް ތެރެއިން ފާޅުވުމަކީ ނާދިރުކަމެއް ކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!