ޚަބަރު

ކުރީ ސަރުކާރުގެ ފްލެޓް ލިސްޓަށް ފްލެޓް ދޭން އެންމެ ފަހުން ނިންމައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނޫސްވެރިންގެ ބައްދަލުވުމުގައި އިންފްރާސްޓްރަކްޗަ މިނިސްޓަރު މުއްތޮލިބު ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރި ސަރުކާރުގެ ފްލެޓް ލިސްޓަށް ފްލެޓް ދޭން އެންމެ ފަހުން މި ސަރުކާރުން ނިންމައި އެކަން މިއަދު އިއުލާންކޮށްފި އެވެ.

Ads by STELCO

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ހައުސިން މިނިސްޓްރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުން ފައިނަލް ލިސްޓުގެ ގޮތުގައި ބަަލާނީ ކުރީ ސަރުކާރުގެ ވެރިކަމުގައި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭރުގެ ހައުސިން މިނިސްޓްރީން އިއުލާންކުރި ލިސްޓުގައި ފްލެޓް ލިބޭނެކަމަށް ކަނޑައެޅި ފަރާތްތައް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން އިތުރު ލިސްޓެއް ފައިނަލް ލިސްޓެެއްގެ ގޮތުގައި ވެސް އަދި އެހެން ލިސްޓެއްގެ ގޮތުގައި ވެސް ނުނެރޭނަން" މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ކުރީ ސަރުކާރުން ނެރުނު ލިސްޓަށް އަމަލުކުރުމުގައި އޭސީސީން އަންގާފައިވާ ކަންކަމާއި އަދި ފްލެޓް ދިނުމުގެ އުސޫލަށް ރިއާޔަތްކޮށް ޝަރުތު ހަމަނުވާ މީހުން ފްލެޓް ލިސްޓުން އުނިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ލިސްޓުން ޝަރުތު ހަމަނުވާ ކަމަށް ސާބިތުވާ މީހުންނަށް އެޕީލްކުރަން ފުރުސަތު ދީ އަންގައި މުއާމަލާތް ކުރަމުން ދާނެ ކަމަށެވެ.

އަދި އެފަދަ ފަރާތްތަކަށް އެ ޕްރޮސެސްތައް ނިމުމުން ފްލެޓް ނުލިބޭނެކަމަށް ކަނޑައެޅިގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ޝަރުތު ހަމަނުވާ މީހުންގެ ބަދަލުގައި ފްލެޓްތައް ދޫކުރާނީ ކޮން ބަޔަކަށް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

އަދި ކުރި ސަރުކާރުގެ ލިސްޓަށް ފްލެޓް ދޫކުރަން ނިންމި ސަބަބެއްވެސް ވިދާޅެއް ނުވެ އެވެ.

މިދިޔަ ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާ ހުށަހަޅާފަ އެވެ.

ފްލެޓް ލިސްޓް މި ސަރުކާރުން މުރާޖާކުރީ އޭސީސީން ދިން އިރުޝާދުތަކަށް ފަހުގަ އެވެ.

އެގޮތުން މުރާޖާކުރުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު މި ސަރުކާރުން ނެރުނު ފްލެޓް ލިސްޓުގައިވާ ގޮތުން 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް މިހާތަނަށް ކަށަވަރު ކުރެވިފައި ވަނީ 1،820 މީހުންނަށް ކަމަށެވެ.

Ads by Ooredoo