މާލެ-ތިލަފުށި ދެމެދު ކަނޑުއޮޅިތަކުން ދަތުރުކުރާތީ ނުކުރަން އަނެއްކާ ވެސް އަންގައިފި

މާލެއާއި ތިލަފުށި ދެމެދު ކަނޑުއޮޅިތަކުން އާންމު ދަތުރުފަތުރު ކުރުން މަނާކުރި ނަމަވެސް އެ ކަން ކުރާކަން ފާހަގަކުރެވޭތީ އެ ކަން ނުކުރަން އަނެއްކާ ވެސް އަންގައިފި އެވެ.
ފުލުހުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ގްރޭޓް މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާއިރު އެ ސަރަހައްދުން ދަތުރުކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.
އެހެންވެ އާންމުދަތުރުފަތުރަށް ހުޅުވާލަން ދެން އެ ސަރަހައްދުން ދަތުރުނުކުރުމަށް ފުލުހުން ނެރުނު އިއުލާނުގައި އަންގާފައިވެ އެވެ.
މާލެއާއި ތިލަފުއްޓާ ދެމެދު އަޅާ ބްރިޖުގެ 40 ޕަސެންޓް ނިމިފައިވާ ކަމަށް މިދިޔަ އަހަރުގެ ޖުލައި މަހު ސަރުކާރުން ބުނެފައިވެ އެވެ.
މި މަޝްރޫއުގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 މަރޗް 2026އަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 30 ސެޕްޓެމްބަރު 2026އަށެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026އަށެވެ.
ތިލަމާލޭ ބްރިޖްގެ މަސައްކަތް 2026ގެ ކުރީކޮޅު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލާ، 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްޤީކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރެއެވެ.
