ޚަބަރު

ހައްޖުގެ އަޅުކަމަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ރާއްޖެ ވަޑައިގެންފި އެވެ.

Ads by STELCO

މި ދަތުރުފުޅުގައި ރައީސްޔާގެ ދެކަނބަލުން ވަނީ، މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވި ދިވެހި ހައްޖުވެރިން ތިބޭ ހޮޓަލަށް ޒިޔާރަތް ކުރައްވައި، ވަކިވަކި ހައްޖުވެރިންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި އެ ހައްޖުވެރިންގެ ހާލުއަހުވާލު އައްސަވައި، އެކި ކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު، އެމަނިކުފާނު ވަނީ ސައުދީގެ ވަލީއަހްދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދާ ބައްދަލުކުރައްވާފައެވެ. ދެ ގައުމުގެ މެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން، ދެ ޤައުމަށް ވެސް ފައިދާކުރާނޭހެން ބަދަހިކުރެއްވުމަށް ކުރެވިދާނޭ ކަންތައްތަކާ މެދު ޚިޔާލު ބަދަލުކުރައްވާފައެވެ.

އަދި ރައީސް ވަނީ ސައުދީ ސަރުކާރުން ދެމުން ގެންދާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށްޓަކައި އަދި އެންމެހައި ހައްޖުވެރިންނަށް ފޯރުކޮށްދެއްވި ފުރިހަމަ ޚިދުމަތަށް ޓަކައި، މާތްވެގެންވާ ދެ ހަރަމްފުޅުގެ ޚާދިމް އަދި ސައުދީގެ ރަސްގެފާނު ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން އަބްދުއްއަޒީޒް އާލް ސުއޫދަށް ޝުކުރު އަދާކޮށްފަ އެވެ.

ސައުދީގެ ސަރުކާރު ހައްޖު މިނިސްޓަރު ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާ ވެސް ވަނީ ރައީސްގެ ޒިޔާރަތް ކުރައްވައިފަ އެވެ. މި ފުރުސަތުގައި ވެސް ރައީސް ވަނީ ހައްޖުގެ އިންތިޒާމުތައް ފުރިހަމަކުރުމަށް ސައުދީ ސަރުކާރުން ކުރާ މަސައްކަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާއެކު ހައްޖުވެރިންގެ ދަތުރުފަތުރަށް ލިބުނު ލުއިފަސޭހަކަމަށް ތައުރީފު ކުރެއްވި އެވެ.

ރައީސްގެ ދެ ކަނބަލުންގެ އަރިހުގައި ވަޒީރުންގެ ވަފުދެއް ވެސް ވަޑައިގަތެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްގެ ދެކަނބަލުންނާއި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާއި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ ދެކަނބަލުން، އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝެއިހް މުހައްމަދު ލަތީފްގެ ދެކަނބަލުން އަދި ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލް  މުހައްމަދު ޝަހުދީ ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސްގެ ދެކަނބަލުންނާއި، ރާއްޖޭގެ ވަފުދުގެ ބޭފުޅުން ސައުދީގައި ތިއްބެވީ، އެ ގައުމުގެ ސަރުކާރުގެ ހާއްސަ މެހުމާނުންގެ ގޮތުގައެވެ.

Ads by HDC