ޚަބަރު

ވާނުވާ ބަންދުގައި ތިބި 9 މީހަކު ޓެގު އަޅުވާފައި ދޫކޮށްލައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ގައިދީންތަކެއް

އެކި މައްސަލަތަކުގައި ތަހުގީގަށް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން ނުވަ މީހަކު ޓެގު އެޅުވުމަށް ފަހު ދޫކޮށްލައިފި އެވެ.

Ads by STELCO

ވާނުވާ ބަންދުގައި ތިބޭ މިހުންގެ ތެރެއިން ބަންދަށް ލުއި ހޯދަން ހުށަހެޅުމުގެ ފުރުސަތު ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ހުޅުވާލީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި އެ ގޮތަށް އެދި ހުށަހެޅީ 121 މީހެކެވެ. ކޮންމެ މީހަކު ވެސް ބަންދަށް ލުއި ދޭން ނިންމަނީ އެ މީހަކު ދޫކޮށްލައިފިއްޔާ މުޖުތަމައަށް އޮތް ނުރައްކާ ވަޒަންކުރުމަށް ފުލުހުންގެ އެސެސްމަންޓެއް ހެދުމަށް ފަހުގަ އެވެ.

ޕީޖީ އޮފީހުން ހިއްސާކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ނުވަ މީހަކު ޓެގު އެޅުވުމަށް ފަހު ދޫކޮށްލި އިރު އެސެސްމަންޓްގެ ނަތީޖާއަށް ބަލާފައި 20 މީހަކަށް އެ ލުއި ދޭން ވަނީ ނިންމައިފަ އެވެ. ބާކީ ތިބި 92 މީހުންގެ އެސެސްމަންޓް ދަނީ ހަދަމުންނެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި މި މަސައްކަތުގެ ތެރެއިން ބަންދަށް ލުއި ދެވޭނީ ޓެގް އެޅުވުމުން އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނަށް ކަމުގަ އެވެ. އެނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަށް ހަމަޖެހިފައި ނުވާ ކަމުގަ އެވެ.

އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަށް އަދި ހަމަޖެހިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރިމާންޑު ޖަލުތަކުގެ ޖާގައަށް ވުރެ އިތުރަށް މީހުން ބަންދު ކުރެވިފައިވާއިރު، މި މަސައްކަތުގެ ތެރެއިން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތި ކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ލިބޭނެ ކަމަށެވެ. އަދި ބަންދުގައި ބައިތިއްބަން ޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ދެކޭ ކަމަށެވެ.

އަމާޒަކީ ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރުމާ ގުޅޭ މައްސަލަތަކަށް ވަށާ ޖެހޭ އަދި ދާއިމީ ހައްލެއް ގެނައުން ކަމުގައި ވެސް ޕީޖީ އޮފީހުން ފާހަގަކުރި އެވެ.

ޕީޖީ އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެ ނަމަ، ވަގުތުން އެ މީހަކު އަލުން ބަންދު ކުރުމަށް ކޯޓުގައި އެދޭނެ ކަމުގަ އެވެ.

Ads by HDC