ޚަބަރު

ޔޯގާ ދުވަސް ފާހަގަކުރުން އިލްމުވެރިން ކުށްވެރިކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިއްޔެ ފާހަގަކުރި ޔޯގާ ދުވަހުގެ ހަރަކާތުގެ ތެރެއިން

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރުން ރާއްޖޭގެ ގިނަ އިލްމުވެރިންތަކެއް ޝާމިލުވާ އިލްމުވެރިންގެ ގުޅުމުން ކުށްވެރިކޮށްފި އެވެ.

Ads by MPL

އިލްމުވެރިންގެ ގުޅުމުން މިއަދު ނެރުނު ބަޔާނުގައި ބުނީ މި އަހަރު ވެސް ޔޯގާ ދުވަސް ފާހަގަކުރީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށާއި އެހެންވެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

2022 ވަނަ އަހަރު ހިނގައިދިޔަ ޔޯގާ ހަަމަނުޖެހުންތަކަށް އިޝާރާތްކޮށް ބަޔާނުގައި ބުނީ އެ ހާދިސާއިންވެސް ޔޯގާއަކީ ރާއްޖޭގެ އެއްބައިވަންތަކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމެއްކަން އެނގޭ ކަމަށެވެ.

އަދި ކުރިން ޔޯގާ ހަމަނުޖެހުންތައް ހިނގިއިރު މި ސަރުކާރުގައި ތިބި މީހުންވެސް ޔޯގާއާ ދެކޮޅު ހެދިކަމަށާއި ނަމަވެސް މި ފަހަރު ޔޯގާ ކުރިއަށް ދިޔައިރު ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައި ބުންޏެވެ.

ޔޯގާއަކީ ޝިރުކުގެ އަމަލެއް ކަމަށާއި އަދި ޝިރުކަކީ ބިމުގައި ކުރެވޭ އެންމެ ބޮޑު ނުބައިކަން ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން ރާއްޖޭގައި މީހުން ދިރިއުޅޭ ތަންތަނާއި ވަކިން އޮންނަ ތަންތަނުގައި ވެސް ޝިރުކުގެ އަމަލުތައް ހިންގަން ފުރުސަތު ނުދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ގޮވާލި އެވެ.

Ads by HDC