ޚަބަރު

ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ކުރީގެ ރައީސް އިބްރާޙީމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.

Ads by STELCO

2028ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެ، ސޯލިހު ނުކުންނަވަން ޖެހޭ ކަމަށް ގަބޫލުކުރާ ސަޕޯޓަރުންގެ ބައްދަލުވުންތަކެއް ބާއްވަމުން ދިޔައިރު މިރޭ ވެސް އޭގެ ބައްދަލުވުމެއް އެބަ ދެ އެވެ.

މިރޭ އޮތް އެ ބައްދަލުވުމުގައި މި ކަން އިއުލާންކުރެއްވީ، ސޯލިހުގެ ޅިޔަނެއް ކަމަށްވާ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މެދުވެރިކުރައްވަ އެވެ.

ސޯލިހު މި ގޮތަށް ނިންމެވި ކަން ބިގޭ މެދުވެރިކޮށް އިއުލާން މި ކުރެއްވީ، ކުރީގެ ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ޖަލްސާ މާދަމާ ސަލްޓަން ޕާކުގައި ބޭއްވުމަށް ނިންމާފައި ވަނިކޮށެވެ.

2023ގެ ރިޔާސީ އިންތިހާބުގެ އިތުރުން 2018ގެ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވީ ސޯލިހެވެ. މިދިޔަ ފަހަރު ރިޔާސީ ޕްރައިމަރީގައި ސޯލިހާ ވާދަކުރެއްވީ ނަޝީދެވެ.

ނަޝީދަކީ 2008 އަދި 2013ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެވެ. ނޮވެމްބަރު 2008އިން ފެބްރުއަރީ 2012އަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ނަޝީދަށް 2018ގެ ޓިކެޓު ވެސް ލިބުނެވެ. އެކަމަކު އޭރު ޖަލު ހުކުމެއް އޮތުމުން އެ ފަހަރު ސޯލިހަށް ރިޔާސީ ޓިކެޓު ދިނީ އެމްޑީޕީން އާދަޔާހިލާފު ކޮންގްރެސްއެއް ބާއްވައި، އެ ކޮންގްރެސްއިން އެ ގޮތަށް ފާސްކޮށްގެނެވެ.

2018ގެ ރިޔާސީ އިންތިހާބު ސޯލިހު ކާމިޔާބުކުރައްވައި އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަތީއްސުރެން ދިޔައީ ސޯލިހާއި ނަޝީދާ ދެމެދު ހިޔާލުތަފާތުވުންތައް ބޮޑުވަމުން ދިޔަ އެވެ. އެންމެ ފަހުން ރިޔާސީ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވެވަޑައިގަތް ފަހުން އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް އުފެއްދި އެވެ. ޑިމޮކްރެޓްސްއަށް އިންތިހާބުތަކުގައި މާ ގިނަ ވޯޓުތަކެއް ހޯދިފައެއް ނުވެ އެވެ.

Ads by Allied Insurance