ދައުލަތުގެ މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމުގެ އިތުރު ސެޝަނެއް ކުރިއަށް ގެންގޮސްފި

ސިޔާސީ ގޮތުން އައްޔަންކުރެވޭ ބޭފުޅުން ހިމެނޭހެން، ދައުލަތުގެ މުވައްޒަފުންގެ ފާފޯމަންސް ހަރުދަނާކުރަން ކުރިއަށް ގެންދާ "އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027"ގެ ދެވަނަ ސެޝަންއެއް ކުރިއަށް ގެންގޮސްފި އެވެ.
އެ ޕްރޮގްރާމް ފެށީ މިދިޔަ މޭ މަހު އެވެ. ކިންގް ސަލްމާން މިސްކިތުގައި ފެށި އެ ޕްރޮގްރާާމްގެ ފުރަތަމަ ސެޝަން ކުރިއަށް ގެންދިޔައީ އަފީފް ހުސެއިން އެވެ.
އަދި މިއަދު ވަނީ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި އެ ޕްރޮގްރާމްގެ ދެވަނަ ސެޝަން ކުރިއަށް ގެންގޮސްފަ އެވެ.
މިއަދުގެ ސެޝަންގައި، "އިންފުލުއެންސް: ދަ ހަރޓްބީޓް އޮފް ލީޑަރޝިޕް"ގެ މައުލޫއަށް ވާހަކަދެއްކެވީ، އެމްޕަވަރިންގް އޯލްގެ ފައުންޑާ މަސްއޫދު އަލީ އެވެ. އަދި މަސްއޫދު ވަނީ ހަގީގީ ލީޑަޝިޕްގެ އަސާސީ ސިފައަށް އަލިއަޅުއްވާލައްވައި އެއީ ހަމައެކަނި ހުނަރުތައް މެނޭޖްކުރުން ނުވަތަ ޓީމުތަކެއް އެކުލަވާލުމަށްވުރެ ފުޅާ ދާއިރާއެއްގައި ހިނގާ ކަމެއްކަން، ތަގުރީރުގައި ފާހަގަކުރެއްވައިފަ އެވެ.
އޭގެ އިތުރުން އާންމު ވިސްނުމެއް އުފައްދައި، ހަގީގީ ގުޅުންތައް ބަދަހިކުރުމާއި، ނަފްސާނީ ރައްކާތެރިކަން ކުރިއެރުވުމާއި، ވަކިން ހާއްސަކޮށް، ހައިރާކީ އޮނިގަނޑެއް އޮތުމާއި ގޮތް ނިންމުމުގެ މަރުކަޒީ ބާރެއް އޮތުމާއި ގާއިމު ކުރެވިފައިވާ ވަކި ތަރުތީބެއް ދެމެހެއްޓުން ފަދަ އިހުގެ ލީޑާޝިޕްގެ ގޮތްތައް ބޭނުންކުރުން މަދުވަމުން އަންނަ ދުވަސްވަރެއްގައި، ދޭދޭ މަސްލަހަތުތައް ކުރިއެރުވިދާނެ ގޮތްތަކުގެ މައްޗަށްވެސް މިއަދުގެ ތަގުރީރުގައި އޭނާ އަލިއަޅުއްވާލެއްވި އެެވެ.
މި އަސާސީ މާއްދާތަކާއެކު، ލީޑަރުންގެ ފަރާތުން އަނެކާއަށް އިތުރު ހިތްވަރެއް ލިބި، ޓީމެއްގެ ގޮތުގައި މަސައްކަތްތެރިކަން އިތުރުކުރެވި، ވަކި މަގުސަދެއް އޮވެގެން ހިންގާ ލީޑަޝިޕެއް ގާއިމުކުރެވިދާނެ ގޮތްތައް މަސްއޫދު ހިއްސާކުރެއްވި އެވެ.
