އޭއަައިއައިބީއާ ރާއްޖޭގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް(އޭއައިއައިބީ)އާ ރާއްޖޭގެ ގުޅުން ބަދަހިކުރަން މިއަދު މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާތައް ކުރިއަށް ދިޔައީ ޗައިނާގެ ވެރިރަށް ބެއިޖިން ގައި ކުރިއަށްދާ އޭއައިއައިބީގެ ގަވަރުނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު, އޭއައިއައިބީގެ ރައީސް ޖިން ލިކުންއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން އެވެ.
އެ ބައްދަލުވުމުގައި، ދެފަރާތުންވެސް އެއްބާރުލުން އިތުރުކުރުމަށް ތައްޔާރަށް ތިބިކަން ފާޅުކުރެއްވިއެވެ. އަދި އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ އޭއައިއައިބީގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްދާ މުހިންމު މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުވާލައްވައިފަ އެވެ.
އޭގެ ތެރޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އިގުތިސާދީ އަސަރުތަކުން އަރައިގަތުމަށް ދެވުނު މުހިންމު އެހީތެރިކަމާއި، ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް އަމާޒުކޮށްގެން ހިންގާ ވޭސްޓް-ޓު-އެނާޖީ ޕްރޮގްރާމަށް ދެވުނު ފައިނޭންސިން ހިމެނެ އެވެ.
އޭގެ އިތުރުން މިނިސްޓަރު ވަނީ ދިވެހި ސަރުކާރުން ކުރިއަށްގެންދާ އިގުތިސާދީ އިސްލާހުތަކާ ބެހޭ މައުލޫމާތު ރައީސް ޖިންއަށް ދެއްވައިފައެވެ. އެ އިސްލާހުތަކުގެ ސަބަބުން ދެމެހެއްޓެނިވި އިގުތިސާދީ ކުރިއެރުން އަންނާނެކަމަށް އުންމީދުކުރެވޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެ ކުރިއެރުމުގެ މައިގަނޑު އެއް ސަބަބަކީ މިހާރު ކުރިއަށްދާ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައްކަން ވެސަ މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލާއި އެކި ސަރަޙައްދުތަކުގައި އަލަށް ގާއިމުކުރާ އެއާޕޯޓުތައް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ކުރިމަގުގެ ފައިނޭންސިން ބޭނުންތަކާ ބެހޭގޮތުންވެސް މަޝްވަރާކޮށްފަ އެެވެ. އެގޮތުން ގައުމީ ތަރައްގީއާ ގުޅޭގޮތުން ސަރުކާރުގެ ވިސްނުން ތަފްސީލުކޮށްދެއްވައި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އޭއައިއައިބީގެ އެހީތެރިކަން މުހިންމުވާނެ މައިގަނޑު ދާއިރާތައް މިނިސްޓަރު ފާހަގަކުރެއްވި އެެވެ.
