ޚަބަރު

ފަސް އަހަރު ކުރިން ގެއްލުނު ނަސްރުﷲގެ މައްޗަށް މާދަމާ ކަށު ނަމާދު ކުރަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މީގެ ފަސް އަހަރު ކުރިން ހިނގި ކަނޑުމަތީގެ ހާދިސާއެއްގައި ގެއްލުނު ބ. އޭދަފުށި، މުޝްތަރީގެ، ނަސްރުﷲ އަބްދުﷲގެ މައްޗަށް މާދަމާ ގައިބުގައި ކަށު ނަމާދު ކުރުމަށް ނިންމައިފި އެވެ.

Ads by MPL

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި އެ ރަށުގެ ތިން މިސްކިތެއްގައި މާދަމާ ހުކުރު ނަމާދަށް ފަހު ނަސްރުﷲ ގެ މައްޗަށް ގައިބުގައި ކަށު ނަމާދު ކުރާނެ އެވެ.

ނަސްރުﷲގެ މަރު ސާބިތު ކުރުމަށް އާއިލާގެ ފަރާތުން ކޯޓަށް ހުށަހަޅައި، މިދިޔަ އޭޕްރީލް މަހު ކޯޓުން އޭނާގެ މަރު ސާބިތުކޮށްފަ އެވެ.

ނަސްރުﷲ ގެއްލުނީ ޖެނުއަރީ 2، 2020 ގަ އެވެ. އެއީ ބ. އަނގަފަރު ކައިރިން ދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހި ޑިންގީގައި އިން ނަސްރުﷲ ކަނޑަށް ވެއްޓިގެނެވެ.

ޑިންގީ ދެ ފަޅިވެ އަޑިއަށް ދިޔައިރު ޑިންގީގައި ދެން ތިބި މީހުން ސަލާމަތްވި އެވެ. ޑިންގީގެ ފަހަތުގައި އިން ނަސްރުﷲ ކަނޑަށް ވެއްޓި، އޭނާ ހޯދުމަށް ކަނޑާއި ވައިގެ މަގުންނާއި ރޮބޮޓް ބޭނުންކޮށްގެން ބޮޑު ސަަރަހައްދެއް ބަލައިފަ އެވެ. އެކަމަކު ނަސްރުﷲ ފެނިފައެއް ނުވެ އެވެ.

Ads by Allied Insurance