ދުނިޔެ

ޑަބްލިޔުއެޗްއޯ ގެ ރައްދު ޓްރަމްޕަށް: ކޮރޯނާ ވައިރަސް ސިޔާސީ ކުޅިވަރަކަށް ނުހަދާ!

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހަކީ ސިޔާސީ ކުޅިވަރަކަށް ނުހެދުމަށް ބުން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ އިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. އެ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރަސް އަދަނޮމް ވަނީ މަރުވި މީހުންގެ އަދަދު އިތުރަށް ގިނަ ކުރަން ބޭނުން ނޫންނަމަމިވަގުތު އެންމެ ރަނގަޅު ގޮތަކީ މި މައްސަލަ ސިޔާސީ ނުކުރުން ކަމުގައި ބުނެފައެވެ.

Ads by Sosun Fihaara

މިޑިއާއަށް މައުލޫމާތު ދެމުން ޓެޑްރަސް އިތުރަށް ބުނިގޮތުގައި މިއީ ހުރިހާ ގައުމެއްގެ ލީޑަރުން ވެސް ވިސްނަން ޖެހޭ މުހިންމު ކަމެކެވެ. އަދި ކޮންމެސިޔާސީ ޕާޓީއަކަށް ނިސްބަތް ވީކަމުގައި ވިޔަސް އާޚިރުގައި އެއީ ހަމަ އެ ގައުމެއްގެ ރައްޔިތުން ކަމުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުންވެސް މި ދަނޑިވަޅަކީ އެއްބައިވަންތަކަމާއެކު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަންވީ ވަގުތުކަމުގަޔާއި އެގޮތަށް އަމަލު ނުކޮށްފިނަމަ ގެއްލިގެންދާނީ އިތުރު ފުރާނަ ތަކެއް ކަމުގައި ވެސް އޭނާ ބުނެފައިވެއެވެ. އަދި ވައިރަހާއި ދެކޮޅަށް ހަނގުރާމަކުރުމަށް އޮތް ހަމައެކަނި ގޮތަކީ އެއްބައިވަންތަކަން ކަމުގައި އޭނާ ފާހަގަކޮށްފައެެވެ.

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ވަނީ ވައިރަހާއި ގުޅިގެން ޗައިނާ އާއި އެމެރިކާ ބަދަލުކުރަމުންދާ ބަހުގެ ހަމަލާތައް ހުއްޓާލުމަށް ވެސް އެދިފައެވެ.

2019 ވަނަ އަހަރު ޗައިނާއިން ފުރަތަމަ ފެނުނު ކޮރޯނާ ވައިރަހަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާ ކަމުގައި މީގެ ކުރިން އދ. އިންވަނީ ބުނެފައެވެ. މި ވައިރަހުގެ އަސަރު މިހާތަަނަށް ދުނިޔެއިން ދޮޅު ލައްކަ އަށް ވުރެ ގިނަ މީހުނަށް ކޮށްފައިވާއިރު 88,331 މީހަކު ވަނީ މަރުވެފައެވެ.

ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއިން ވަނީ މިހާރު ވައިރަސް މުޅިން ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް އެމެރިކާގެ އިތުރުން ޔޫރަޕުގެ ގިނަ ގައުމުތަކުގައި ވައިރަސް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!