ޚަބަރު

ތޯރިގު ވަގަށް ޕީއެންސީއަށް ވެއްދި ކަމަށް ބުނާ މައްސަލަ ފުލުހުން ފައިލްކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މަނަދޫ މުހައްމަދު ތޯރިގު - ފޮޓޯ: އެމްޑީޕީ

އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު ވަގަށް ވެރިކަންކުރާ ޕީއެންސީއަށް ވެއްދި ކަމަށް ބުނާ މައްސަލާގައި ޖިނާއީ ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ އެ މައްސަލަ ފުލުހުން މިއަދު ފައިލްކޮށްފި އެވެ.

Ads by MPL

ތޯރިގު ހުށަހެޅުއްވި މައްސަލަ ފައިލްކުރުމަށްފަހު ފުލުހުން ފޮނުވި ސިޓީގެ ފޮޓޯއެއް އޭނާ ވަނީ އެކްސްގައި ޕޯސްޓްކުރައްވައިފަ އެވެ.

އެ ލިޔުމުގައިވަނީ ސައްހަ ނޫން ފޯމެއް ޕީއެންސީން ހުށަހަޅާފައިވާ ކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ. އެހެންވެ އިލްކެޝަންސް ކޮމިޝަން (އީސީ)އަށް އެންގުމުން 5000 ރުފިޔާއިން ޕީއެންސީ ޖޫރިމަނާކޮށްފައިވާ ކަމަށް އޭގައިވެ އެވެ.

އެހެން ނަމަވެސް ޖިނާއީ ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައި ނެތް ކަމަށް އެ ލިޔުމުގައިވެ އެވެ. އެ މައްސަލަ ފައިލް ކުރުމަށް ނިންމީ ވެސް އެހެންވެގެނެވެ.

ވަގު ފޯމުތަކުގެ މައްސަލަ ފެންމަތިވީ މިދޭތެރެއިން ވެރިކަންކުރާ ޕީއެންސީ އަށް މެންބަރުން އިތުރުކުރުމަށް ހިންގި ހަރަކާތް ކުރިއަށް ދަނިކޮށް އެމްޑީޕީގެ މެންބަރުންތަކެއް، އެ މީހުންނަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާކަން ތިލަވުމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ، ޕީއެންއެފް، ޑިމޮކްރެޓްސްގެ އިތުރުން އުވާލާފައިވާ ޕީޕީއެމްގެ މެންބަރުންވެސް އެ މީހުންނަށް ނޭނގި ޕީއެންސީގައި ދަފުތަރު ކޮށްފައިވާކަން ފެންމަތިވި އެވެ.

އޭގެ ތެރޭގައި މިދިޔަ ސަރުކާރުގެ އާޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ތޯރިގުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވެސް އޮތީ ޕީއެންސީއަށް ވައްދާފަ އެވެ.

ގާތްގަނޑަކަށް 44،000 އާ އަދަދަށް މެންބަރުން ތިބޭ އެމްޑީޕީން ތުހުމަތުކޮށްފައިވަނީ އެ ޕާޓީގެ 3،000 މެންބަރުން ވަގަށް ޕީއެންސީއަށް ވައްދާފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު އަވަސްކޮށްދޭން އެމްޑީޕީގެ ލީގަލް ޓީމުން ފުލުހަށްވެސް ދިޔަ އެވެ. ލީގަލް ޓީމުން ބުނީ 96 މީހަކު ވަގަށް ވެއްދި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މެންބަޝިޕް ޑްރައިވް ކުރިއަށް ގެންދިޔައިރު މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާ ކަމަށް ޕީއެންސީން އެއްބަސްވެ އެވެ. އަދި އެ މައްސަލަ ޕާޓީން ބަލަމުންދާކަން ވެސް ހާމަކޮށްފައިވެ އެވެ.

Ads by Allied Insurance