ކަރަންޓުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދަން ވޯކްޝޮޕެއް

ރާއްޖޭގެ ކަރަންޓުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައި ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ މަޝްވަރާކުރުމަށް ހާއްސަ ވޯކްޝޮޕެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
އެ ވޯކްޝޮޕްގައި ކަމާބެހޭ ޔުޓިލިޓީ ކުންފުނިތަކާއި، ޔުޓިލިޓީސް ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އާއި، ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެއެވެ.
ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ، ގައުމީ ފެންވަރުގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް ދާއިމީ ހައްލުތަކެއް ހޯދުމަށް ހިޔާލު ބަދަލުކޮށް މަޝްވަރާކުރުން ކަމަށެވެ،
ހާއްސަކޮށް، ކަރަންޓުގެ ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި، ނިޒާމީ ގޮންޖެހުންތަކަށް އާ ހައްލުތައް ފާހަގަކޮށް، ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ހުރަހެއްނެތި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
"މި ވޯކްޝޮޕަކީ، ރާއްޖޭގެ ކަރަންޓުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، އާބާދީގެ އިތުރުވުމާ އެކު ކުރިމަތިވާ ކަރަންޓުގެ ބޭނުން އިތުރުވުމަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ މުހިންމު މަސައްކަތެކެވެ. މި ވޯކްޝޮޕްގެ ނަތީޖާއެއްގެ ގޮތުން ކަރަންޓުގެ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ފެނިގެންދާނެ ކަމަށް އުންމީދުކުރެވެ އެވެ." ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
