ބޭރަށް ހިންގުމާއި އިންފުލުއެންޒާ ވަރަށް ބޮޑަށް އިތުރުވެއްޖެ

ފާއިތުވި ހަފްތާތަކުގެ ތެރޭގައި ބޭރަށް ހިންގުމާއި ހޮޑުލުމާއި އިންފުލުއެންޒާ ވަރަށް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)އިން ބުނެފި އެވެ.
އެ އޭޖެންސީން މިއަދު އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން ފާއިތުވި ތިން ހަފްތާގެ ތެރޭގައި މުޅި ރާއްޖެއިން ބޭރަށް ހިންގުމާއި ހޮޑުލުމުގެ 3763 ކޭސް ރިޕޯޓްކުރި އެވެ.
އޭގެ ތެރެއިން ބޭރަށް ހިންގުމާއި ހޮޑުލުމާއި އަދި އިންފުލުއެންޒާ އެންމެ ބޮޑަށް އިތުރުވީ ޖޫން 30އިން މިދިޔަ އާދިއްތައާ ހަމައަށެވެ. އެ މުއްދަތުގެ ތެރޭގައި އެކަނި 1547 ކޭސް ރިޕޯޓްކޮށްފައިވާ އިރު މާލެއިން އެކަނިވެސް 1081 ކޭސް ރިޕޯޓްކުރި އެވެ.
އޭގެ އިތުރުން ޖޫން 16އިން މިދިޔަ އާދިއްތަ ދުވަހާ ހަމައަށް އިންފުލުއެންޒާގެ 239 ކޭސް ރިޕޯޓްކުރި އެވެ. އޭގެ ތެރެއިން އެންމެ ގިނަ 228 ކޭސް ރިޕޯޓްކޮށްފައިވަނީ މާޅެއިން އެވެ.
ޖޫން 30އިން މިދިޔަ އާދިއްތައާ ހަމައަށް އެކަނިވެސް 108 ކޭސް މުޅި ރާއްޖެއިން ރިޕޯޓްކޮށްފައިވެ އެވެ.
ބޭރަށް ހިންގުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުމަށާއި އަދި ބޮލަށް އެނބުރުން އަރައި ގިނައިން ހޮޑުލެވޭނަމަ ޑޮކްޓަރަކަށް ދެއްކުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
