ޚަބަރު

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ކުރީގެ ރައީސުންނަށް ދައުވަތު އަރުވަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކުރީގެ އަހަރެއްގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއެއްގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނުތާ 60 އަހަރު ފުރޭއިރު މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ކުރީގެ ރައީސުންނަށް ދައުވަތު އަރުވަން ސަރުކާރުން ނިންމައިފި އެވެ.

ކަލްޗާ މިނިސްޓަރު އާދަމް ނަސީރު "ދެން"އަށް ވިދާޅުވީ ކުރީގެ ރައީސުންގެ އިތުރަށް ކުރީގެ ނައިބު ރައީސުންނަށް ވެސް ދައުވަތު އަރުވަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ގޮތަށް ނިންމެވީ މި ގައުމަށް ހިދުމަތް ކުރައްވާފައިވާ ރައީސުންނާއި ނައިބު ރައީސުންނަށް އަރުވަން ޖެހޭ ހައްގު އިހުތިރާމު އަދާކުރެއްވުމަށް ކަމަށެވެ.

އަދި އެއީ ރާއްޖޭގެ ސިޔާސީ ސަގާފަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށަގަންނަވަން ބޭނުންވާ އަހުލާގީ ބަދަލުގެ ނަމޫނާއެއް ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސުންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ތިއްބެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަދި ދިގު 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ.

ނައިބު ރައީސްގެ މަގާމަކީ ފެހި ގާނޫނުއަސާސީއާ އެކު އުފެދިގެން އައި މަގާމެކެވެ. މިހާތަނަށް އެ މަގާމު ފުރުއްވި ބޭފުޅުންނަކީ މުހައްމަދު ވަހީދުއްދީން، ޑރ. މުހައްމަދު ޖަމީލު އަހުމަދު، އަހުމަދު އަދީބު، އަބްދުﷲ ޖިހާދު، އަދި ފައިސަލް ނަސީމެވެ.

މިނިވަން ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ވެސް އޮންނަ އިރު، އެ ރަސްމިއްޔާތަށް ވެސް ކުރީގެ ރައީސުންނަށް ދައުވަތު އަރުވައިފަ އެވެ.

Ads by Ooredoo