ކޮވިޑް19 އިން ސަލާމަތްވުމަށް ކުރާ މަސައްކަތަށް އާމާލް ކުލޫނީގެ އެހީއެއް
ކޮވިޑް19 އިން ރައްކާތެރިވުމަށް ޓަކައި މަސައްކަތް ކުރަމުންދާ އެކި ގުރޫޕްތަކަށް މަޝްހޫރި ގާނޫނީ ވަކީލާ އާމާލް ކުލޫނީ އާއި އޭނާގެ ފިރިމީހާ އަދި ހޮލީވުޑްގެ މަޝްހޫރު ތަރި ޖޯޖް ކްލޫނީ މިލިއަނަކަށްވުރެ ގިނަ ޑޮލަރުގެ ފައިސާގެ އެހީ ދީފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އާމާލް ކުލޫނީގެ ދެމަފިރިން އެހީދިން ގުރޫޕް ނުވަތަ ފަންޑުތަކުގެ ތެރޭގައި މޯޝަން ޕިކްޗަރ އެންޑް ޓެލެވިޒަން ފަންޑާފައި އެސްއޭޖީ ފަންޑާއި ލޮސްއެންޖަލިސް މޭޔަރ ފަންޑް ހިމެނެއެވެ. މީގެ ކޮންމެ ފަންޑަކަށް ދެލައްކަ ފަންސާސް ހާސް ޑޮލަރު ދީފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. ހަމައެހެންމެ އެ ދެމަފިރިން ވަނީ އެހީދޭ ބައިނަލް އަގުވާމީ ތިން ޖަމާޢަތަކަށް ތިން ލައްކަ ޑޮލަރު ހަދިޔާކޮށްފައިވެއެވެ.
ޖޯޖް ކުލޫނީގެ އިތުރުން ވެސް ހޮލީވުޑްގެ ގިނަ ތަރިންނާއި އެކިދާއިރާތަކުގައި މަސައްކަތްކުރާ ގިނަ ބަޔަކު ދަނީ ކޮވިޑް19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެހީތެރިވަމުންނެވެ. އެގޮތުން ލިއޮނާޑޯ ޑިކެޕްރިއޯއާއި ލޯރން ޕައުލް ޖޮބްސްއާއި އެޕަލް އަދި ފޯޑް ފައުންޑޭޝަން ހިމެނެއެވެ.ހަމައެހެންމެ ޑަބްލިޔުއެޗްއޯއަށް އެހީވުމަށްޓަކައި 35 މިލިއަން ޑޮލަރު އެއްކުރުމުގެ ހަރަކާތެއް މަޝްހޫރު ލޭޑީގަގާ ހިންގަމުން އެބަދެއެވެ.