ޚަބަރު

ފުރާނައަށް ނުރައްކާވާ ގޮތަށް ދުއްވުމުން ފަސޭހައިން ދައުވާ ކުރެވޭނެ ބިލެއް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މެންބަރު މީކާއީލް އަހުމަދު ނަސީމް - ފޮޓޯ: މަޖިލީސް

ފުރާނައަށް ނުރައްކާތެރިކޮށް ދުއްވައިފިނަމަ ފަސޭހައިން ދައުވާ ކުރެވިދާނެ ގޮތަކަށް ގާނޫނުލްއުގޫބާތަށް އިސްލާހެއް ހުށަހަޅައިފި އެވެ.

Ads by STELCO

މި އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

މީކާއިލް އިސްލާހު ހުށަހަޅުއްވަނީ ގާނޫނުލްއުގޫބާތަށެވެ.

ގާނޫނުލްއުގޫބާތުގައި މިހާރު ވެސް ފަރުވާލެއް ނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެ ކަމުގެ ބިރު ދެއްކުމަކީ ކުށެކެވެ. އެކަމަކު އެ ކުށަށް ވާނެ ކަމަށް ބުނާ ކަންކަމުގެ ތެރޭގަައި އުޅަނދެއް ދުއްވުމާ ބެހޭ ބައެއް ނޯވެ އެވެ.

މީކާއިލްގެ ބިލުގައި ވަނީ އެ ކުށުގެ ތެރޭގައި މީހެއްގެ ފުރާނައަށް ނުރައްކަލެއް ނުވަތަ ގެއްލުމެއް ކުރިމަތި ވެދާނެ ކަމަކަށް ފަރުވާލެއް ނެތި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން ހިމަނައިފަ އެވެ.

މިފަދަ ބިލެއް ހުށަހެޅީމި، ފުރަމާލޭގައި ކަފިހި ހުރަހުން ހިނގާފައިދާ މީހުނަށް ބެލުމެއް ނެތި ބާރު ސްޕީޑުގައި އުޅަނދު ދުއްވައިގެން ހިތާމަވެރި ހާދިސާތައް ހިނގައި އާންމުންގެ ކަންބޮޑުވުންތައް ބޮޑުވެފައި ވަނިކޮށެވެ.

އެ ގޮތުން މި ފަހަކުން ކަފިހި ހުރަހުން ދުވެފައި ދިޔަ މީހެއްގެ ގައިގައި ބާރު ސްޕީޑެއްގައި ދިޔަ ސައިކަލެއް ގޮސް ޖެހި، އަދި އެ ތަނުގައި ހުރި ޕިކަޕެއްގައި ވެސް ޖެހިގެން 17 އަހަރުގެ ކުއްޖަކު ނިޔާވެފައިވެ އެވެ. އެއީ ސައިކަލު ދުއްވަން އިން ކުއްޖާ އެވެ.