ޚަބަރު

ފްލެޓްތަކުގެ ކުލި ކުޑަކުރަން ސޯލިހު ގޮވާލައްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: އެމްޑީޕީ

ކުރީގެ ސަރުކާރުން އަޅަން ފެށި 4,000 ފްލެޓްތަކުގެ މަހު ކުލި އޭރު ކަނޑައެޅި އަގަށް ކުޑަކުރަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފި އެވެ.

އޭރުގެ ސަރުކާރުން ކަނޑައެޅި ކަމަށް ބުނާ އަގުތަކަކީ:

  • ތިން ކޮޓަރީގެ ފްލެޓް: މަހު ކުލި 7,000 ރުފިޔާ އަދި މެއިންޓަނަންސް ފީ ކޮންމެ މަހަކު 1,000
  • ދެ ކޮޓަރީގެ ފްލެޓް: މަހު ކުލި 5,000 ރުފިޔާ އަދި މެއިންޓަނަންސް ފީ ކޮންމެ މަހަކު 1,000 ރުފިޔާ

މީގެ އިތުރުން ކުލި ދެއްކުމަށް ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް އޭރު ހިމެނި އެވެ. ސޯލިހު ވިދާޅުވި ގޮތުގައި އެއީ ފްލެޓްތަކަށް ބަދަލުވާ މީހުނަށް ފަރުނީޗަރާއި ބަދިގެ ސާމާނާއި ހިފައިގެން ގުޅޭ އެކި ތަކެތި ގަތުމަށް ލުޔެއް ދިނުމުގެ ގޮތުން ހިމެނި މުއްދަތެކެވެ.

އިންޑިއާ ސަރުކާރުގެ ލޯނުން ހެދި ފްލެޓްތަކަށް ދައްކަން ޖެހޭ ލޯނު ބޮޑުވުމާއެކު، އެއީ ސަބަބެއްގެ ގޮތުގައި ފާހަގަކޮށް މިހާރުގެ ސަރުކާރުން ނިންމި އަގުތަކަކީ:

  • ތިން ކޮޓަރީގެ ފްލެޓް: އެޑްވާންސް 25,000 ރުފިޔާ، މަހު ކުލި 9,000 ރުފިޔާ އަދި މެއިންޓަނަންސް ފީ ކޮންމެ މަހަކު 1,500 ރުފިޔާ
  • ދެ ކޮޓަރީގެ ފްލެޓް: އެޑްވާންސް 15,000 ރުފިޔާ، މަހު ކުލި 7,000 ރުފިޔާ އަދި މެއިންޓަނަންސް ފީ ކޮންމެ މަހަކު 1,500 ރުފިޔާ

ކޮންމެ މަހަކު 26ގެ ފަހުން ފައިސާ ދައްކާ ނަމަ ޖޫރިމަނާއެއް ކުރުމަށް ވެސް ނިންމާފައިވެ އެވެ. ތިން ކޮޓަރީގެ ފްލެޓްތަކުން އިތުރަށް 4,000 ރުފިޔާ އަދި ދެ ކޮޓަރީގެ ފްލެޓްތަކުން އިތުރަށް 2,000 ރުފިޔާ އެވެ.

ކުރީގެ ރައީސް ސޯލިހުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ދައުލަތުން ނިންމާފައިވާ، އާންމު ރައްޔިތުންނާ ގުޅުން ހުރި އެފަދަ ނިންމުންތައް ބަދަލުކުރުމަކީ ދައުލަތުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ވެސް ގެއްލޭނެ ކަމަށް ވިދާޅުވި އެވެ.

"ވީމާ ކުރިން ކަނޑައަޅާފައިވާ ގޮތަށް ކުލި ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލަން،" ސޯލިހު ނެރުއްވި ބަޔާނުގައިވެ އެވެ.

Ads by Allied Insurance