ޚަބަރު

އޮޕެކް ފަންޑުގެ ރައީސް އަބްދުލްހަމީދު ވެސް އާ ޓާމިނަލް ހުޅުވަން ރާއްޖޭގައި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ރައީސް ޑރ. އަބްދުލްހަމީދު އަލްހަލީފާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

Ads by STELCO

އޮޕެކް ފަންޑުގެ ރައީސް އަބްދުލްހަމީދު ރާއްޖެ ވަޑައިގަތީ މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އޮޕެކް ފަންޑަކީ އެއާޕޯޓަށް ބޭނުންވާ ފައިނޭންސް ލޯނު ފޯރުކޮށްދިން އެއް ޕާޓީ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އޮފިޑް އަބަދުވެސް ދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވައިފަ އެވެ. ހާއްސަކޮށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކުރިއަށް އޮތް ތަނުގައި ވެސް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ، ފެނާއި ނަރުދަމާ އަދި އުމްރާނީ ތަރައްގީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ބެހޭ ގޮތުން  މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޮފިޑްގެ ރައީސް ވަނީ ރާއްޖެއާއި އޮޕެކް ފަންޑާއި ދެމެދުގައި އޮތް 50 އަހަރާ ގާތް ގުޅުން ފާހަގަކުރައްވައި, ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަން ދެއްވުމުގައި އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

Ads by Ooredoo