އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭނެ

ރޭ ހުޅުވި ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) ގެ އާ ޓަމިނަލުގައި 5 ވަގުތު ބަންގީގެ އަޑު އިވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެކަން ހާމަކުރެއްވީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް މުއިއްޒު ވިދާޅުވި އެގޮތަށް އަމަލުކުރަން މިއަދު އަސްރު ނަގާމުން ފެށިގެން ފަށާފައިވާ ކަމަށެވެ.
އެ ޓާމިނަލްގެ މަސައްކަތް ނިންމައި، އާ ޓަމިނަލް ހުޅުވައިދެއްވުމަށް ރޭ ވީއައިއޭ ގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯ އާއި ހަވާ އެރުވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްގެންދިޔަ އެވެ.
ޓާމިނަލް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު، ރައީސްގެ ވަނީ އެތަން ބައްލަވާލައްވާފަ އެވެ.
ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން ފަރުމާކޮށްފައިވާ ޓާމިނަލްގައި، ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ގުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ހިމަނާފައިވެ އެވެ.
ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، 6 ސެލްފް ސާވީސް ކައުންޓަރާއި، 20 ޑިޕާޗާ އިމިގްރޭޝަން ކައުންޓަރާއި 6 ޕެސެންޖާ ބޯޑިން ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ. އަދި އެ ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ޓާމިނަލެކެވެ.
ވީއައިއޭއިން އަހަރަކު 7.5 މިލިޔަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަމަށް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު އެމްއޭސީއެލުން ބުނެފައިވެ އެވެ. އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ފެންވަރެވެ. މި ޓާމިނަލަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އާ ޓާމިނަލުގެ މަސައްކަތް މަސައްކަތް ސައުދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ފިިނިހަކަ ދުވެލީގަ އެވެ. ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށީ ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް (އެސްއެފްޑީ) އިން 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.
ރައީސް މުއިއްޒު ވެރިކަމުގައިވެސް އެސްއެފްޑީ އިން 100 މިލިއަން ޑޮލަރުގެ ލޯނެއް މިމަޝްރޫއަށް ނެގި އެވެ. މީގެއިތުރުން ޔޫއޭއީގެ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު ނަގާފައިވެ އެވެ.
އެއާޕޯޓުގެ ކުރީގެ ޓަރމިނަލް ހުޅުވީ 1981 ވަނަ އަހަރުގައެވެ.
