ބުޅަލަށް ވެސް ކޮރޯނާ ވައިރަސް ޖެހޭ- ދިރާސާ
ބުޅަލަށް ކޮރޯނާ ވައިރަސް ޖެހޭ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ. ޑެއިލީ މެއިލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބުޅަލަށް ވައިރަސް ޖެހޭކަން އެނގިފައިވީ ނަމަވެސް ކުއްތާއަށް ވައިރަސް ޖެހުމުގެ ފުރުސަތެއް ނޯވެއެވެ.
މި ދިރާސާގެ ނަތީޖާއާއެކު ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ވަނީ ޖަނަވާރުންގެ ގައިން އިންސާނުންނަށް ވައިރަސް އެރުން އިތުރަށް ދިރާސާ ކުރަން ނިންމާފައެވެ.
ޖާރނަލް ސައިންސް ވެބްސައިޓުގައި ޕަބްލިޝް ކޮށްފައިވާ ދިރާސާގެ ރިޕޯޓުގައިވާ ގޮތުން ބުޅަލަށް ވައިރަސް ޖެހުމުގެ ވަރަށް ބޮޑު ފުރުސަތެއް އޮވެއެވެ. މި ދިރާސާއަކީ ވައިރަހުގެ ނުރައްކާ އެންމެ ބޮޑަށް ކޮށްފާނެ ޖަނަވާރުން ދެނެގަތުމަށްޓަކައި ކޮށްފައިވާ ދިރާސާއެކެވެ. އަދި އެ ނަތީޖާއިން ވައިރަހަށް އުފައްދާ ވެކްސިން ޓެސްޓުކުރުމުގައި ބޮޑެތި ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވެސް ދިރާސާ ކުރި ފަރާތުން ފާހަގަކޮށްފައިވެއެވެ.
މި ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި ކުއްތާ، ކުކުޅު، އޫރު، އަދި އަސްދޫންޏަށް ވައިރަހުގެ އެއްވެސް ނުރައްކަލެއް ނެތެވެ.
ބުޅަލުގެ ނޭވާލާ ނިޒާމަށް ވައިރަސް ފޮނުވައިގެން ޗައިނާގައި ކުރި މި ދިރާސާގައި ބުޅަލަށް ވަރަށް ފަސޭހައިން ވައިރަސް ޖެހޭކަން ވަނީ ހާމަވެފައެވެ.
2019 އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޗައިނާއިން އެންމެ ފުރަތަމަ ފެނުނު ސާރސް-ކޮވް-2 އަކީ ވާލުގެ ޒަރީއާއިން އިންސާނުންނަށް ޖެހުނު ވައިރަސް އެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މިހާތަނަށް މި ވައިރަސް ކުއްތާއާއި ބުޅަލަށް ޖެހިގެން ރިޕޯޓުކުރެވިފައިވަނީ މަދު ފަހަރަކުއެވެ. އަދި ގޭގައި ގެންގުޅޭ މިފަދަ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ވައިރަސް ޖެހިދާނެ ކަން ކަށަވަރުވުމަށް ބޭނުންވާ އެކަށީގެންވާ ހެކި ލިބިފައެއް ނުވެއެވެ.