ފެހެންދޫއަށް ހާއްސަކޮށް ޓީޗަރުން ތަމްރީންކޮށްގެން ވެސް ޓީޗަރުން ހޯދައިދޭނަން: ރައީސް

ބ. ފެހެންދޫއަށް ހާއްސަކޮށް ޓީޗަރުން ތަމްރީންކޮށްގެން ވެސް އެރަށް ބޭނުންވާ ޓީޗަރުން ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާލުވެއްޖެ އެވެ.
ފެހެންދޫގައި މިހާރު ހިންގަމުން ދަނީ ސެޓެލައިޓް ސްކޫލެކެވެ. އެގޮތުން މާލޭގެ ސްކޫލަކަ ގުޅިގެން ގްރޭޑް އެކަކުން 10އަކާ ހަަމައަށް ކިޔަވައިދެނީ އޮންލައިންކޮށެވެ.
ބ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ ފެހެންދޫއަސް މިއަދު ވަޑައިގެން ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރަށް ރަށުގެ އާބާދީއަށް ބެލުމެއް ނެތި ހުރިހާ ރަށަކަށް ވެސް ކަންކަން ކޮށްދެއްވުން ކަމަށެވެ.
އެގޮތުން ފެހެންދޫގެ ތައުލީމީ ދާއިރާއަށް ކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ކަންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަންކަން ހަގީގަތަކަށް ހެދުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ފެހެންދޫގައި ގާއިމުވެ ތިބޭނެ ޓީޗަރުން ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަން ރައީސް ވިދާޅުވި އެވެ.
އަދި ސަރުކާރުގެ ސިޔާސަތަކީ ގްރޭޑް ހަޔަކުން މަތީގެ ދަރިވަރުންނަށް ބޭނުންވާ ޓީޗަރުން ފެހެންދޫއަށް ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންކަމުން އެމަނިކުފާނުގެ ވައުދު ފުއްދުމަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން އޮތީ ތައްޔާރަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ބޭނުންވަނީ އެކަމުގައި ޝައުގުވެރިކަން ފާޅުކޮށްގެން މި ރަށުގައި ގާއިމުވެ ތިބުމަށް ބޭނުންވާނެ ޓީޗަރުން ހޯދަން. އަދި ޓީޗަރެއް ނެތިއްޔާ ޓީޗާ ޓްރެއިނިން ދީގެން ވެސް އަޅުގަނޑުމެން ބޭނުންވާ ރަށުގެ ކުދިންނަށް ބޭނުންވާ ތައުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ޓްރެއިނިން ދޭން ވެސް މި ތިބީ ތައްޔާރަށް" ރައީސް ވިދާޅުވި އެވެ.
