ޚަބަރު

ހުވާ ނުކުރާ ކަމަށް ބުނާ ފުލުސް މީހާ ހައްޔަރުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފުލުހުންގެ އޮފިސަރަކު މާލޭ މަގުމަތީގައި ހަރަކާތްތެރިވަނީ/ ފޮޓޯ: ޕޮލިސް

ފުލުހުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ މަސްތަކެއް ވަން ދެން ވަޒީފާ ވެސް އަދާކުރުމަށް ފަހު ޝަރީއަތުގައި ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާ ހައްޔަރުކޮށްފި އެވެ.

ވޭޕް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރި އިރު މަސްތުވާތަކެތި ވެސް ފެނި، ވޭޕާއި މަސްތުވާތަކެތި ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ ގދ. ތިނަދޫއަށް ނިސްބަތްވާ މުހައްމަދު ސާޖިދެވެ.

ސާޖިދު ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދިޔަ ނަމަވެސް ހުވާ ނުކުރާ ކަމަށް ބުނި ހައި ކޯޓުގެ ޝަރީއަތެއްގަ އެވެ. އެއީ އޭނާ ދޫކޮށްލަން ދަށު ކޯޓުން އަމުރުކުރުމުން، ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ އަޑުއެހުމެއްގަ އެވެ.

ގެ ބަލައިފާސްކުރުމުގެ އަމުރެއް ހޯދެނީ ޖިނާއީ ކުށެއްގެ ތުހުމަތުގަ އެވެ. ވޭޕް ވިއްކުމަކީ މަދަނީ ކުށެކެވެ. ދައުލަތުގެ ބަހުސަކީ ފުލުހުންގެ ވަޒީފާގައި ހުރެ ވޭޕް ވިއްކުން ވާނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ޖިނާއީ ކުށަކަށެވެ. ފުލުހުންގެ ހުވާ ނުކުރާ ކަމަށް އެ މީހާ ޝަރީއަތުގައި ބުނަނީ ދައުލަތުގެ އެ ވާހަކައަށް ރައްދު ދެމުންނެވެ.

އެއީ ޝަރީއަތުގައި ހެދި ދޮގެއް ކަމާއި ފުލުހުންގެ ހުވާ ކުރުމުގެ އިޖުރާއަތް ހަރުދަނާ ކުރަން ޖެހޭ ކަމަށް ހައި ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި އޭނާ ކުރިން ދޫކޮށްލީ ގޯސްކޮށް ކަމަށް ހުކުމުގައިވެ އެވެ.

Ads by Ooredoo