ޚަބަރު

އާންމުންނާ އެއްހަމަވާން އުޅުއްވުމުން މާރިޔާ ހޫނު ފެނަށް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ/ ފޮޓޯ: ދެން

"އަހަރެމެން ފަދަ އާންމު ރައްޔިތުން" ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ 'އެކްސް'ގައި ލިއުއްވުމުން ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާފައިވާ މާރިޔާ މިފަދަ މޭރުމަކުން ލިއުއްވީ ދަރަންޏާ ގުޅޭ ގޮތުން މިއަދު ލިއުއްވި ޕޯސްޓެއްގަ އެވެ.

"އަހަރެމެން ކަހަލަ އާދައިގެ މީހުން، ވަރަށް ސާފު، އާންމު ބަހުރުވައަކުން ސަރުކާރުން ކިޔައިދޭން ޖެހޭ ދަރަނީގެ ހާލަތު. ހަމައެކަނި 'ކުރީ ސަރުކާރު' އޭ ބުނުމަކީ ހައްލެއް ނޫން. ތިޔައީ ސިޔާސީ ބޭނުމެއްގައި ބުނާ ބަހެއް. ހަގީގީ ހައްުލުތަކެއް އަޑުއަހަން ބޭނުމީ. އޭރުން އަހަރެމެން އާދައިގެ މީހުން ތިކަމާ ވިސްނައި ހާލަތަށް ހޭނުމަށް ޓަކައި ދިރިއުޅުމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން އެނގޭނީ،" މާރިޔާގެ ޕޯސްޓްގައިވެ އެވެ.

މާރިޔާގެ އެ ޕޯސްޓް ރީޕޯސްޓްކޮށް ގިނަ ބަޔަކު ފާޑުކިޔާ އެއް ކަމަކީ މާރިޔާ އަކީ އާންމު ރައްޔިތުންގެ ތެރޭގައި ގުނެނޭ ބޭފުޅެއް ނޫން ކަމަށް ބުނެ އެވެ. އަނެއް ކަމަކީ ދައްކަން ޖެހިފައިވާ ގިނަ ދަރަންޏަކީ، މާރިޔާ މިނިސްޓަރުކަން ކުރެއްވި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެންގެވި ދަރަނިތަކެވެ.

މާރިޔާގެ ޕޯސްޓް ރީޕޯސްޓްކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ފުރަތަމަ ފާހަގަކުރެއްވީ ސަރުކާރުން ދަރަނި ދެއްކުމަށް ކުރާ މަސައްކަތެވެ.

"ޗައިނާ އާއި އިންޑިއާއިން ބޮޑެތި ލޯނުތައް ދެއްކުން ފަސްކުރަން އެއްބަސްވެފައިވާއިރު، 2026 ވަނަ އަހަރު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ރީފައިނޭންސް ކުރުމަށް ވަނީ ނިންމާފައި،" މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގައި ވެސް އިންނަވާ އަޒާން ވިދާޅުވި އެވެ.

ނޫސްވެރިއެއްގެ ގޮތުގައި ކުރީގެ ސަރުކާރުން ގެންގުޅުނު ހާރިޖީ، މާލީ، އަދި ދިފާއީ ސިޔާސަތުތަކަށް އޭރު ވަރަށް ބޮޑަށް ފާޑުވިދާޅުވި އަޒާން ދެން ލިއުއްވީ މި ސަރުކާރުން ދައްކަން ޖެހޭ ލޯނުތަކެއް ހަމަޖެއްސުމަށް ދިވެހި ދަައުލަތުގެ މިނިވަންކަން ދުލެއް ނުކޮށްލާނެ ކަމަށެވެ.

"ޑިފެންސް މިނިސްޓަރުކަން ކުރެއްވިއިރު، ރާއްޖޭގެ މަސްލަހަތަށްވުރެ ބޭރު ގައުމެއްގެ މަސްލަހަތަށް އިސްކަން ދެއްވައިގެން ތިޔަ ބޭފުޅުން ގެންގުޅުއްވި ވިސްނުމަކީ އެއީ. އަޅުގަނޑު އުންމީދު ކުރަން 'އާދައިގެ މާރިޔާ' މި ވަރުން ހާލަތު ސާފުވާނެ ކަމަށް،" އަޒާން ލިއުއްވި އެވެ.

ޖުބްރާން ޝަރީފް ނަމަކަށް ކިޔާ މީހަކު ފާހަގަކުރި ކަމަކީ ސަރުކާރު ބަދަލުވި ނަމަވެސް އެއްވެސް ކަމެއް ނުކުރައްވައި ގޭގައި ހުންނަވައިގެން މާރިޔާއަށް ދައުލަތުން އުޖޫރަ ލިބިވަޑައިގަންނަވާ ކަމެވެ. އާންމު އެހެން ފަރުދުންނާ ހިލާފަށް، މަޖިލީހުގެ ކުރީގެ މެންބަރެއްގެ ހައިސިއްޔަތުން ލިބޭ މަންފާތަކެކެވެ.

"މިދިޔަ ދެ އަހަރު [މާރިޔާއަށް މިނިސްޓަރުކަން ގެއްލި، ސަރުކާރު ބަދަލުވެ ދިޔަ ފަހުން] ކޮންމެ މަހަކު އިނާޔަތުގެ ގޮތުގައި 28،125 ރުފިޔާ ލިބިވަޑައިގަންނަވާނެ. ހެލްތު އިންޝުއަރެންސަށް ކޮންމެ އަހަރަކު 24،000 ރުފިޔާ. އެއީ މުޅި މި ދެ އަހަރު ޖުމުލަ 723،000 ރުފިޔާ،" އޭނާ ލިޔެފައިވެ އެވެ.

އެމްޑީއޭގެ އެކްޓިވިސްޓު އަބްދުﷲ މަހުޒޫމް މާޖިދު ބުނީ ދަރަނީގެ ހާލަތަށް މާރިޔާގެ ސަރުކާރުން ވެސް ޒިންމާ ވާން ޖެހޭ ކަމަށެވެ. މާރިޔާ ވެސް ޒިންމާއިން އިސްތިސްނާ ނުވާ ކަމަށެވެ.

"މުއްސަނދިން އަޅުގަނޑުމެންގެ ނާޖާއިޒު ފައިދާ ނަގަމުން ގެންދާއިރު، ހުރިހާ ތަކުލީފެއް ތަހައްމަލު ކުރަން ޖެހެނީ ހަގީގީ އާންމު ރައްޔިތުން. ދަރަނި ބޮޑުވެ، ދައުލަތުގެ ފައިސާ ގެއްލުނު ގޮތް އެނގޭ، ރައީސް މުއިއްޒުގެ ސަރުކާރުން ވެސް މި ގެންދަނީ ހަމަ ތިޔަ ބޭފުޅުންގެ ޕްލޭބުކް،" އޭނާ ބުންޏެވެ.