ޚަބަރު

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ބައިވެރިނުވާން އެމްޑީޕީން ނިންމައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް / ފޮޓޯ:އެމްޑީޕީ

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ބައިވެރިނުވާން އެމްޑީޕީން ނިންމައިފި އެވެ.

Ads by STELCO

ރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ވަނީ ނެކްސިއާ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ޕްލޭން އެކުލަވާލުމަށް ނެކްސިއާއިން އެމްޑީޕީގެ ބޭފުޅުންނާ ބައްދަލުކުރަން އެދިފައިވާ ކަމަށެވެ.

ނަމަވެސް އެކަމުގައި ބައިވެރިވުމަކީ މި ވަގުތު ގައުމަށް ބޭނުންތެރިކަމެއް ކަމަށް ނުދެކޭ ކަމަށާއި އެކަން އެކުންފުންޏަށް އަންގާފައިވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ގައުމީ ތަރައްގީގެ ޕްލޭންއެއް އެކުލަވާލުމަކީ މުހިންމުކަމެއް ކަމަށާއި ނަމަވެސް ނަމަވެސް މައްސަލައަކީ ގައުމީ ތަރައްގީގެ ޕްލޭންއެއް އެކުލަވާލުމުގެ ނަމުގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތް ކަމަށެވެ.

އެގޮތުން ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލަނީ ކުރިއަށް އޮތް 20 އަހަރަަށް ކަމަށް ކަނޑައަޅާފައިވަނީ ކިހިނެއް ކަމާއި އެ ނިންމުން ނިންމުމުގައި މަޝްވަރާާކޮށްފައިވަނީ ކޮން ފަރާތަކާ ކަން ވެސް ނޭނގޭ ކަމަށް އެމްޑީޕީން ބުންޏެވެ.

އަދި ހަމަ އެހެންމެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް ފަހު އެއްވެސް ޕްލޭނެއް ނެތި މިހާރުވެސް އެއާޕޯޓުތައް އަޅައި އުމްރާނީ އެކިއެކި މަޝްރޫއުތައް އިއުލާންކޮށް ފަށައި ނުނިމި އެތައް ކަމެއް ވެސް އެބަހުރިކަން އެމްޑީޕީން ފާހަގަކުރި އެވެ.

އެގޮތުން މާލެ ސަތރަހައްދުގައި ބިން ހިއްކަން ފަށާފައި ހުރި ތަންތަން ނުނިންމައި ފުށި ދިއްގަރު ފަރުގެ ބިން ހިއްކަމުންދާކަން ފާހަގަކުރި އެވެ.

"އަތޮޅު ކައުންސިލްތައް އުވާލުމަށް އަދި ރަށްރަށުން މީހުން ބަދަލުކުރުމަށް ވެސް ދަނީ އިއުލާންކުރަމުންނެވެ.

މިހެންކަމުން ޕްލޭނެއް އެކުލަވާލުމުގެ ބޭނުމެއް މިހާރު އޮތް ކަމަކަށް މި ޕާޓީން ނުދެކެމެވެ. އަދި އެކަމުގައި ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ކަމަކަށް ވެސް ނުދެކެމެވެ" އެމްޑީޕީން ބުންޏެވެ.

Ads by HDC