ދުނިޔެ

" ލޮކްޑައުން އެއްކޮށް އުވާލެވޭނީ ކޮވިޑް19 އަށް ވެކްސިން އެއް އުފެއްދުމުން"

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން ގައުމު ތަކުން އަޅަމުން އަންނަ ލޮކްޑައުން ގެ ފިޔަވަޅުތައް އުވާލަން ޖެހޭނީ ކޮވިޑް19 އަށް ވެކްސިން އެއް އުފެއްދުމުން ކަމުގައި ޗައިނާ ވައިރަސް ފެތުރުނު ގޮތާއި ބެހޭގޮތުން އެކުލަވާލާފައިވާ ދިރާސާ ރިޕޯޓަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

މެތަމެޑިކަލް މޮޑެލިން ބޭނުން ކޮށްގެން ކޮށްފައިިވާ މި ދިރާސާއިން ދައްކާ ގޮތުގައި ޗައިނާ މިހާރު އާންމު ހާލަތަށް ރުޖޫއަ ވެފައިވީނަމަވެސް ވައިރަހުގެ ދެވަނަ ރާޅެއް އެގައުމަށް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެކަމުން ރައްކާތެރިވެ ތިބުމަށްތަކައި ލޮކްޑައުން ގެ ފިޔަވަޅުތަކާއި ވައިރަހާއި ގުޅިގެން އެޅި އެހެނިހެން ގިނަ ފިޔަވަޅުތައް އެގޮތުގައި ތަންފީޒުކުރުމަކީ މުހިންމު ކަމެކެވެ.

ކޮވިޑް19 އާއި ގުޅިގެން ޗައިނާ ގެ ހުބެއި ޕްރޮވިންސްގެ ވުހާން ގައި ކުރި 76 ދުވަހުގެ ލޮކްޑައުން މިހާރުވަނީ އެގައުމުގެ ކަމާއިބެހޭ ފަރާތްތަކުން އުވާލާފައެވެ. ވުހާން އަކީ ވައިރަސް އެންމެ ފުރަތަމަ ފެނުނު ކަމަށް ބުނާ ސީފުޑު މާރކޭޓު ހުންނަ އަވަށެވެ. ވުހާން ގައި ލޮކްޑައުން ގެ ހާލަތު އުވާލާފައިވަނީ އެ ސަރަހއްދުގައި ވައިރަސް ކޮންޓްރޯލް ވެ އާންމު ހާލަތަށް ރުޖޫއަ ވުމުން ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ވައިރަސް ފެތުރުމަށްޓަކައި އެޅި ފިޔަވަޅުތަކުން ވައިރަސް ކޮންޓްރޯލްވީނަމަވެސް، ގަައުމު އާންމު ހާލަތަށް ރުޖޫއަވެ ، ސުކޫލުތައް ހުޅުވި، ގިނަ މީހުން ތަންތަނަށް އެއްވާން ފެށުމާއެކު ވައިރަސް ފެތުރުމުގެ ފުރުސަތު އަނެއްކާ ވެސް އޮންނަ ކަމަށް އެ ދިރާސާގެ ނަތީޖާގައިވެއެެވެ. އަދި ޗައިނާގައި ވައިރަސް މިވަގުތު ނެތް ނަމަވެސް ޗައިނާގެ ބޭރުން ވައިރަސް އެތެރެ ވުމަކީ ވެދާނެކަމެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

ކޮވިޑް19 ގެ ސަބަބުން ޗައިނާގައިވަނީ 81,865 ވުރެ ގިނަ މީހުނަށް ބަލި ޖެހި 3,335 މީހުން މަރުވެފައެެވެ.

މިހާތަނަށް ވައިރަހުގެ އަސަރު 180 އަށް ވުރެ ގިނަ ގައުމަށް ކޮށްފައިވާއިރު 1,529,360 މީހަކު ވަނީ ވައިރަހަށް ފައްސި ކަމަށް ރިޕޯޓުކޮށްފައެވެ. އަދި ވައިރަހުގެ ސަބަބުން 89,415 މީހަކުވަނީ މަރުވެފައެވެ. ބަލިން ރަނގަޅުވެފައިވަނީ ބަލި ޖެހުނު މީހުންގެ ތެރެއިން 337,161 މީހުނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!