ވެރިކަމަށް އައިސް ފުރަތަމަ ދުވަހު މީޑިއާ ބިލު އުވާލާނަން: ފައްޔާޒް

އެމްޑީޕީން ވެރިކަމަށް އައިސް ފުރަތަމަ ދުވަހު މީޑިއާ ބިލު އުވާލާނެ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީން އަނެއްކާވެސް ވެރިކަމާ ހަވާލުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ހުރިހާ ކަމެއް ރަނގަޅު ކުރާނެ ކަމަށާއި އަދި ގާނޫނު އަސާސީ އިރާލުމުގެ ތެރެއިން ކުރައްވާފައި ހުރި ކަންކަން އަނބުރާ އިޔާދަކޮށް އަލުން ގާނޫނު އަސާސީއާ ނުކުޅެވޭ ވަރު ކުރާނެ ކަމަށެވެ.
"މީޑިއާ ކޮންޓްރޯލް ބިލު ހަމަ ގައިމުވެސް އެއީ އެންމެ ފުރަތަމަ ދުވަހު އުވާލައްވާނެ ބިލެއް، ގާނޫނެއް. ހަމަ އެއާ އެއްކޮށް އަދިވެސް ރައްޔިތުންނަށް ވެފަ ހުރި ތަކުލީފުތައް، އޭގެ ތެރޭގައި ސިނގިރޭޓުގެ ޑިއުޓީ، ވޭޕް، މި ހުރިހާ ކަމަކީ އަޅުގަނޑުމެން ރައްޔިތުންގެ މަޝްވަރާއާ އެއްކޮށް ބަދަލުކުރާނެ ކަންކަންކަން މިއަދު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ މީޑިއާ ބިލު ރައީސް މުއިއްޒު ތަސްދީގުކުރައްވައިފިނަމަ އެ ގާނޫނަށް އަމަލުކުރުމާ މެދު ރައްޔިތުން ގޮތް ނިންމާނީ އަންނަ މަހުގެ ތިންވަނަ ދުވަހު މަގުމަތިން ކަމަށްވެސް ވިދާޅުވެފަ އެވެ.
ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މަޖިލީހުން ފާސްކުރި މި ބިލާއި މެދު ނޫސްވެރިންނާއި އަދި ބައެއް ޖަމިއްޔާތަކުގެ ކަންބޮޑުވުންތަކެއް ހުރިއިރު، މި ބިލު ތަސްދީގު ނުކުރައްވަން ރައީސް މުއިއްޒަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވަނީ ގޮވާލާފަ އެވެ.
