ވަތަނީ ދިވެހި ޒުވާން ޖީލެއް

ގައުމެއްގެ މުސްތަޤްބަލް ބިނާވެގެން އަންނަނީ އެ ގައުމެއްގެ ޒުވާނުންގެ މައްޗަށެވެ. ނަމަވެސް މިއަދު ރާއްޖޭގެ ޒުވާނުންގެ މެދުގައި ގައުމީ ލޯތްބާއި އިސްލާމީ އަގީދާ އެންމެ އެދެވޭ މިންވަރަކަށް ނެތް ކަން ފާހަގަކުރެވެ އެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ "ނޭޝަނަލް ސާވިސް" ގެ ނަމުގައި އާ ޕްރޮގްރާމެއް ތައާރަފުކޮށްފަ އެވެ.
ފާއިތުވި އަހަރުތަކުގައި ސިޔާސީ ބޭނުންތަކަށް ޒުވާނުން ބޭނުންކުރެވި، އެތައް ޒުވާނުންތަކެއްގެ މުސްތަގުބަލް ހަލާކުވެގެން ގޮސްފައިވެއެވެ. ސިޔާސީ ފިކުރުތަކުގެ ތެރޭގައި ޖެހި، ގައުމީ އެއްބައިވަންތަކަމާއި އިސްލާމީ އަގީދާ ގެއްލި، އަހުލާގީ ގޮތުން ދަށް ދަރަޖައަކަށް ވެއްޓިފައިވާކަން ފާހަގަކުރެވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ނޭޝަނަލް ސަރވިސް ޕްރޮގްރާމަކީ 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަޢާރަފުކުރެވުނު ޚާއްޞަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙު އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމެވެ.
މި ޕްރޮގްރާމްގެ މުހިންމު ލަނޑުދަނޑިތަކުގެ ތެރޭގައި ޤައުމަށް ކުރިމަތިވާ ނުރައްކާތަކާ ކުރިމަތިލުމުގެ ޤާބިލުކަން ހުރި ޒުވާނުން ތައްޔާރުކުރުމާއި، ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ މީހުން ތަމްރީނުކުރުން ހިމެނެ އެވެ.
އަދި ހަމައެއާއެކު، ޒުވާނުންނަކީ އެއްބައިވަންތަ، އަޚްލާޤު ރަނގަޅު، އިޙްތިރާމާއެކު މުޢާމަލާތްކުރަން ދަންނަ ބަޔަކަށް ހެދުމަކީ ވެސް މި ޕްރޮގްރާމްގެ މުހިންމު މަޤްޞަދެކެވެ.
ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމަކީ ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ ޕްރޮގްރާމެކެވެ. މި މުއްދަތުގެ ތެރޭގައި ޒުވާނުންނަށް ޤައުމީ ޚިދުމަތުގެ މުހިންމު ކަމާއި، އަސްކަރީ އަދި މަދަނީ ދާއިރާތަކުގެ އަސާސީ ތަމްރީނުތައް ދެވެ އެވެ.
މި ޕްރޮގްރާމުގެ ސަބަބުން ދިވެހި މުޖުތަމަޢުގައި ދިމާވެފައިވާ އެތައް މައްސަލަތަކަކަށް ހައްލު ލިބި، ޤައުމަށް ވަފާތެރި، އިސްލާމްދީނަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާ ވެގެންދާނެ އެވެ. މީގެ ސަބަބުން ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވެ، އަމާން އަދި ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހި ވެގެންދާނެ އެވެ.
ވަޠަނީ ދިވެހި ޒުވާން ޖީލެއް ބިނާކުރުމަކީ މިއަދުގެ އެންމެ މުހިންމު އެއް ބޭނުމެވެ. ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ތެރެއިން މި މަޤްޞަދު ހާސިލުވެ، ރާއްޖޭގެ މުސްތަޤްބަލް އުޖާލާވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
މި މަސައްކަތުގައި ސަރުކާރާއި، ރައްޔިތުންނާއި، ޚާއްސަކޮށް ޒުވާނުން ގުޅިގެން މަސައްކަތް ކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
