ރާއްޖޭގެ ހުރިހާ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރާނަން: ރައީސް

ރާްއްޖޭގެ ހުރިހާ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރާން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިރޭ ތ. ވޭމަންޑޫގައި ވާހަކަ ދައްކަވަމުން ފާހަގަކުރެއްވީ ކީރިތި ގުރުއާނާ ބެހެ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމެވެ.
އަދި އެފަދަ މަރުކަޒެއް ވޭމަންޑޫގައި ވެސް ގާއިމުކުރަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި އަހަރުގެ ބާކީ ދުވަސްތަކުގައާއި ދެން އޮތް ތިން އަހަރަށް އެއްކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރުން،" ރައީސް ވިދާޅުވި އެވެ.
އަދި އެކި ރަށްތަކުގައި އެ ގޮފިތައް ގާއިމުކުރަނީ އެ ރަށެއްގެ އަބާދީއާއި ބިން އޮތް މިންވަރާއި އަދި ވަސީލަތްތައް ހުރި ވަރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހަމަ އެހެންމެ މިހާރު ރާއްޖޭގެ އެކި ރަށްތަކުގައި އިސްލާމީ މަރުކަޒުތައް އަޅަމުންދާކަން ވެސް ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަރުކަޒުތައް ވެސް ކުރިއަށް އޮތް ތަނުގައި ގިނަ ރަށްތަކުގައި އެޅިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށްތަކެއްގައި ޒިކުރު ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ވެސް އިސްލާމިކް މިނިސްޓްރީން ދާދި އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިސްލާމް ދީނުގައި ހުންނަ މުހިންމު ޝިއާރުތަކާސި ނަސޭހަތްތަކާއި ހިމެނޭ ގޮތަށް ތި ބޭފުޅުން މަގުމައްޗަށް ނުކުމެ އުޅޭއިރުގައި ކިޔާލެވޭ، އޭގެ ސަބަބުން އިމާންތެރިކަން އިތުރުވެގެން ދާނެ" ރައީސް ވިދާޅުވި އެވެ.
