ރަށްރަށުގެ ހައުސިން ޔުނިޓްތަކުގެ ޑައުން ޕޭމަންޓް 10،000 އަށް ކުޑަކުރަނީ

ރަށްރަށުގައި ސަރުކާރުން އަޅާ ހައުސިން ޔުނިޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 10،000 ރުފިޔާއަށް ކުޑަކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފި އެވެ.
ތ. ތިމަރަފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު މިރޭ ވިދާޅުވީ ސަރުކާރުން އެކި ރަށްރަށުގައި އަޅާދީފައިވާ ހައުސިން ޔުނިޓުތައް އަގުބޮޑުކަމަށް ބައެއް ރަށްރަށުގެ ރައްޔިތުން ބުނަމުންދާ ކަމަށެވެ.
އެހެންވެ އެ ހައުސިން ޔުނިޓްތަކަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދު މިހާރު ކުޑަކޮށްދީފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ޑައުން ޕޭމަންޓްގެ ގޮތުގައި ރަށްރަށުގެ ހައުސިން ޔުނިޓުތަކަށް ދައްކަން ޖެހޭ 20،000 ރުފިޔާ އަކީ ވެސް ރައްޔިތުންނަށް ފޯރާވަރުގެ އަދަދެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ދެންނެވި ޑައުން ޕޭމަންޓް 10،000 ރުފިޔާއަށް ކުޑަކޮށްދޭނަން." ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ތިމަރަފުށީގައި ގާއިމުކުރި ހައުސިން ޔުނިޓުތަކުގެ ގްރޭސް ޕީރިއަޑަށް ވެސް ލުއިދޭން ނިންމާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
"މި ރަށަށް ވެއްޖިއްޔާމު ގްޜޭސް ޕީރިއަޑަ އެކްސްޓެންޑްވެގެންދާނެ އެތަނަށް ވަދެ ނިމެންދަކަ. އެތަނަށް ވަދެ ބޭނުންކުރަން ފެށުމުން ގްރޭސް ޕީރިއަޑް ހިނގަން ފަށާނީ" ރައީސް ވިދާޅުވި އެވެ.
ރަށްރަށުގެ ހައުސިން ޔުނިޓްތަކަށް ކޮންމެ މަހަކު 5000 ރުފިޔާ ކުރިން ދައްކަން ޖެހޭއިރު މި ސަރުކާރުން ވަނީ އެ އަދަދު 3350 ރުފިޔާއަށް ކުޑަކޮށްދީފަ އެވެ.
