އެމްޑީޕީގެ ހިނގާލުން ފުލުހުން ހުއްޓުވައިފި

އެމްޑީޕީން ގެންދާ ހިނގާލުން ފުލުހުން ހުއްޓުވައިފި އެވެ.
އިދިކޮޅު އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މިރޭ 8:30އަށް އެއްވީ އާޓިފިޝަލް ބީޗު ސަރަހައްދަށެވެ. އެ ތަނުގައި ގަޑިއިރެއްވަން ދެން އަޑު އުފުލުމަށް ފަހު ބައިވެރިން ނުކުތީ މަޖީދީ މަގަށެވެ.
މަޖީދީ މަގުން ހިނގާލަމުން ބައިވެރިން ދަނިކޮށް ފުލުހުން ވަކި ހިސާބަކަށް ޝީލްޑާއެކު މަގު ބަންދުކޮށްގެން ތިއްބެވެ. އަދި ޝީލްޑާއެކު ފުލުހުން ގެންދަނީ އެމްޑީޕީގެ ސަޕޯޓަރުން ފަހަތަށް ޖައްސަމުންނެވެ.
ފުލުހުން ދެތިން ފަހަރަކު ޕެޕަ ސްޕްރޭ ވެސް ޖެހި ކަމަށް އެ ތަނުގައި ހަރަކާތްތެރިވާ ނޫސްވެރިން މައުލޫމާތު ދިނެވެ.
"ލޫޓުވައިފި" ނަމުގައި އެމްޑީޕީން މިރޭ މުޒާހަރާ މި ފެށީ، އެއް މަސް ދުވަސް ކުރިން އިއުލާންކޮށް އިޝްތިހާރުކުރުމުގެ ވަރަށް ގިނަ ހަރަކާތްތަކެއް ހިންގުމަށްފަހު އެވެ.
މިރޭގެ މުޒާހަރާއާ ދިމާކޮށް، ފުލުހުން ހިންގާ އޮޕަރޭޝަނަކަށް މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރާނެ ކަމަށް މިއަދު ހަވީރު ވަނީ ބުނެފަ އެވެ.
މި އެއްވުމުގެ ތެރެއިން ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބަޔާނެއް ވެސް ނެރުނެވެ.