ޚަބަރު

ކުރީގެ ސަރުކާރުން ސްވިފްޓަށް ބަދަލު ދިނީ ދައުލަތަށް ފައިދާވާ ގޮތަށް: ސައުދުﷲ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މެމްބަރު ސައުދުﷲ ހިލްމީ

ކުރީގެ ސަރުކާރުގެ ސެޓަލްމަންޓް ކޮމިޓީން ސްވިފްޓް އިންޖިނިއަރިންއަށް ބަދަލު ދިނީ ދައުލަތަށް ފައިދާވާ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ މިރޭ ވިދާޅުވެއްޖެ އެވެ.

އެ ކުންފުންޏަށް އޭރު ދިނީ އެކަށޭނަ ނުވާ ބޮޑު ބަދަލެއް ކަމަށް ބުނެ، އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެންޓި ކޮރަޕްޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފަ އެވެ.

އެކަމާ ގުޅިގެން ސައުދުﷲ ފޭސްބުކްގައި ލިއުއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކުންފުންޏަށް ދިން ހަ މަޝްރޫއެއް އަތުލީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށެވެ.

އޭގެ ގެއްލުމުގެ ބަދަލު ނަގަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސެޓަލްމަންޓް ކޮމިޓީއަށް ހާޒިރުކޮށް ސާފުކުރި ކަމަކީ ކުންފުނިން ބޭނުންވަނީ އެ އަގަށްވާ ފައިސާ އެކަނިތޯ ނުވަތަ އޭގެ އަގުހުރި އެހެން މަޝްރޫއުތަކެއްތޯ ކަމަށެވެ.

އެ ދުވަހު ސައުދުﷲ ދެންނެވީ ފައިސާގެ ބަދަލުގައި އޭރު ދިން މަޝްރޫއުތަކުގެ ޖުމުލަ އަގަށް ފެތޭ މަޝްރޫއުތަކެއް އެ ކުންފުންޏަށް ދިނުމަށް ކަމަށެވެ.

އެހެންވެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ސްވިފްޓްއަށް އޭރު ފައިސާ ނުދޭ ކަމަށް ސައުދުﷲ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ދިނީ ވެސް އަތުލި ހަތަރު މަޝްރޫއުގެ އަގަށް ފެތޭ ވަރަށް ދަށް މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބާކީ ދެ މަޝްރޫއުގެ އަގަށްވާ ވަރަށް ފައިސާ ވެސް ނުދޭ ކަމަށާއި މަޝްރޫއެއް ވެސް ނުދޭ ކަމަށް، ޔާމީނުގެ ސަރުކާރުގައި ވެސް މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާ ތަމްސީލް ކުރެއްވި މެންބަރު ސައުދުﷲ ވިދާޅުވި އެވެ.

"މި ކަމުގެ ސަބަބުން ދައުލަތަށް ވީ ފައިދާ. ކޯޓަށް ދިޔަ ނަމަ މާ ބޮޑު އެއްޗެއް ސްވިފްޓްއަށް ސެން ޖެހުނީސް," ސައުދުﷲ ވިދާޅުވި އެވެ.

މި މައްސަލާގައި ފައްޔާޒު ވެސް ވަނީ ކުރާ ތުހުމަތުތައް އިންކާރު ކުރައްވައިފަ އެވެ. އަދި އޭނާ ހާޒިރުކުރަނީ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވަން ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

 

 

Ads by Allied Insurance