ޑޮކްޓަރު ،ރިޕޯޓް ވަރަށް ރަނގަޅަށް ބަލާލުމަށްފަހު ފައިލު މޭޒުމަތީގައި ބާއްވާލިއެވެ. އަދި ވަރަށް ފުންނަޒަރަކުން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. ޑޮކްޓަރު ބުނާ އެއްޗެއް އަޑުއަހަން އަހަރެން ކެތްމަދުވެފައި އިނީމެވެ. ޑޮކްޓަރު ބަލާލި ގޮތުން ކަމެއް ގޯސްވިކަމުގެ އިހްސާސް ކުރެވެންފެށިއެވެ. ދެއަތް ދެއަތަށް އުނގުޅާލުމުން ޑޮކްޓަރު ބުނި ޖުމްލައިން އަހަރެން އެއްކޮށް ހުއްޓުނެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި ރޮވެން ފެށިއެވެ. ފައިލް ނަގާ ގަނޑުތައް އުކަންފެށީމެވެ. އަހަރެންނަށް ވީގޮތްފެނިފައި ޑޮކްޓަރު އަހަރެން ހަމައަކަށް އަޅުވަން މަސައްކަތްފެށިއެވެ. ނަމަވެސް ފައިލު މޭގައި ލައްކޮށްލައިގެން އަހަރެން ބޭރަށް ނިކުތީމެވެ. ވަށައިގެންވާ އެއްވެސް އަޑެއް އަދި ކަމެއް އަހަންނަކަށް ނީވެއެވެ. ސިކުނޑީގައި ގުގުމާލާފައިވަނީ ޑޮކްޓަރު ބުނި އެ ޖުމްލައެވެ.

Ads by STELCO

ދާނެ ވަކި މަންޒިލެއްނެތި ހިނގަމުން ދިޔައީމެވެ. މިއީ ވާން އަހަރެން ބޭނުންވި ގޮތެއް ނޫނެވެ. މީގެ ކުޑަ އިރުކޮޅެއްކުރިން އަހަރެންގެ ދިރިއުޅުން ކިހާ އުފާވެރިހެއްޔެވެ. ނަމަވެސް އެންމެ ސިކުންތަކުން މުޅި ދިރިއުޅުން އެފުށް މިފުށަށްޖަހާލީއެވެ. ހިނގަމުން ދިޔަވަރަކަށް އަހަރެންގެ ކުރިމަތީގައި މާޒީގެ ސޮފުހާތައް އުކެމުން ދިޔައެވެ.

އެއީ މީގެ ފަސްއަހަރު ކުރިއެވެ. އަހަރެން މާލެ ފޭބީ ކިޔަވާށެވެ. މޮޅު މީހަކަށްވެ މައިންބަފައިންގެ ހުވަފެންތައް ހަގީގަތްތަކަށް ހެދުމަށެވެ. މާލޭގައި ގާތްތިމާގެމީހުން ތިބިއިރުވެސް އަހަރެންގެ މައިންބަފައިން އަހަރެން ބެހެއްޓީ ކުދިން ބައިތިއްބާ ގެއެއްގައެވެ. އެއީ އެއިން މީހެއްކައިރީގައި ހުރެއްޖެނަމަ ދެތިން ދުވަސްވާއިރަށް ގުޅުން ކެނޑި އެމީހުންނަށް ގުލާނު ކޮށްދޭންޖެހި އަހަރެންގެ ކިޔެވުމަށް ބުރޫ އަރާފާނެތީއެވެ. އަހަރެން ނިދާ ކޮޓަރީގައި އިތުރު ތިން އަންހެން ކުދިން ތިބެއެވެ. އަހަރެންގެ ސާދާކަން ފެނިފައި އެމީހުން ހައިރާންވާއިރު އެމީހުންގެ ތަހުޒީބުކަން ފެނިފައި އަހަރެންވެސް އާޝޯހް ވެއެވެ.

މާލެ ދެވުނުތާ ހަފުތާއެއްގެ ތެރޭގައި އަހަރެން ނާސިން ކިޔަވަން ފެށީމެވެ. ކޮލެޖަށް ދާންފެށުމާއެކު ކިޔެވުމަށް އޮތް ޝައުގުވެރިކަން އިތުރުވެ ވަރަށް ރަނގަޅަށް މަސައްކަތްކޮށް ކާމިޔާބު ހޯދަން އަޒުމު ކަނޑައެޅީމެވެ. އިނގިރޭސިބަހަށް ނުފަރިތަކަމުން ކިޔައިވައިދޭ އެއްޗެހި ފުރަތަމަ ދުވަސްކޮޅު އެހާ ރަނގަޅަކަށް ދޭހައެއް ނުވިއެވެ. މިކަންވީ އަހަރެން ވަރަށް ފިކުރު ބޮޑުވެ ހާސްކުރުވި ކަމަކަށެވެ. އެހެންކަމުން ވަގުތުން މަންމައަށް ގުޅީމެވެ. އަދި އިނގިރޭސި ދަސްކުރަން ޓިއުޝަން ނަގަން ބޭނުންވާ ވާހަކަ ބުނީމެވެ. ދެބަހެއްނެތި މަންމަ އެކަން ހަމަ ޖައްސާދިނެވެ. ކޮލެޖްގެ ކުލާސްތައް އޮންނަނީ ރޭގަނޑު ކަމަށްވުމުން އަހަރެން އިނގިރޭސި ޓިއުޝަނަށް ދަނީ ހަވީރުއެވެ.

މިގޮތުގައި މަހެއް ފާއިތުވެގެން ދިޔައިރު ކޮލެޖުން އަހަރެންނަށް ވަރަށް ގިނަ ރަހުމަތްތެރިން ލިބުނެވެ. އެމީހުންނާއެކު މަޑުމަޑުން ގުޅުން ބަދަހިވާން ފެށިއެވެ. އަދި އެމީހުންގެ އާދަކާދަތައް އަހަންނަަަށް ކަމުދާންފެށިއެވެ. އަދި އެގޮތްގޮތަށް އުޅެން އަހަރެންވެސް ބޭނުންވިއެވެ. ނަމަވެސް އޭރު އަހަންނަކީ މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރި ކުއްޖެއްކަމުން އެމީހުން ދެރަވެދާނެތީ އެހިޔާލު ދޫކޮށްލީމެވެ.

އެހެންނަމަވެސް އާމިރުއާއި ބައްދަލުވުން ވެގެން ދިޔައީ މައިންބަފައިންނާ ދުރުވެ ހުރިހާ ކަމެއް ބަދަލުވެގެން ދިޔަ ކަމަކަށެވެ.

އާމިރު އާއި ދިމާވީ ކޮލެޖުންނެވެ. އޭނަ އާއި ދިމާވީ އަހަރެންގެ ގުރޫޕާއެކު ކެންޓީނަށް ދިޔަ ދުވަހަކުއެވެ. ފުރަތަމަ ނަޒަރުން އަހަރެންނަށް އާމިރު ކަމުދިޔައެވެ. އެދުވަހު އާމިރުވެސް ކަޅިޖަހާ ނުލާ އަހަންނާއި ދިމާލަށް ބަލަމުން ދިޔައެވެ. ނަމަވެސް ގަތް ލަދަކުން އާމިރުގެ ވާހަކަ އެއްވެސް މީހެއްކައިރީގައި އަހާލަކަށް ނުކެރުނެވެ. އަދި އާމިރުގެ ފެނިލުން ވެގެންދިޔައީ އެންމެ ފަހަރެއްގެ ފެނިލުމަކަށެވެ.

އޭގެ އެތައް ދުވަހެއް ފަހުން ދެން އޭނާގެ ހަބަރެއްވީ ސިޓީއަކުންނެވެ. އެސިޓީ ލިބުނީ އެސައިމެންޓެއް ނިންމަންވެގެން ލައިބްރަރީގައި އިންދައެވެ. އެސިޓީ ކިޔާލުމުން ހީވީ މުޅި ހަށިގަނޑުގައި ކަރަންޓް ދައުރު ކޮށްލިހެންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ހިތުގައި ރަސްކަންކުރަން ފެށި މީހާ އިސްވެ ލޯބީ ހުށައެޅީއެވެ. އެލޯބި ގަބޫލުކުރަން އަހަރެން އެންމެ ސިކުންތެއްވެސް ލަސްނުކުރަމެވެ. ސިޓީގައި ބަޔާންކޮށްފައިވާ ތަނަށް ވަގުތުން ދިޔައީމެވެ. އެދުވަހު އެސައިމެންޓް ނިންމުމަށްވުރެ މުހިއްމުވީ އާމިރު އާއި ބައްދަލުކުރުމެވެ.

އަހަންނަށް އެތަނަށް ދެވުނުއިރު އާމިރު އިންތިޒާރުގައި ހުއްޓެވެ. އަހަރެން ފެނުމާއެކު އައިސް ބައްދާލަން މަސައްކަތް ކުރިއެވެ. ނަމަވެސް އަހަރެން އެކަމަށް އިންކާރު ކުރީމެވެ. އެއީ އަހަރެން އެއްގޮތްތަކަށްވެސް ބޭނުންވިކަމެއް ނޫނެވެ. އާމިރު އެކަމާއި ދެކޮޅެއް ނުހަދައެވެ.

"ސިޓީ ލިބުންތަ؟" އާމިރު އަހަރެންގެ މޫނަށް ބަލާލުމަށްފަހު އަހާލިއެވެ. އަހަރެން ލަދުން ބޯޖަހާލީމެވެ. ވާހަކަ ދައްކާލުމަށް އެތަނުގައި ހުރި ބުރެއްގެ މަތީގައި ދެމީހުން އިށީންނީމުއެވެ. އަދި ދެމީހުންގެ ފުރަތަމަ ބައްދަލުވުން ފެށުނެވެ. ދެ ގަޑިއިރުގެ އެބައްދަލުވުމުގައި ހުރިހާ ވާހަކައެއް ދެއްކީ އާމިރުއެވެ. ބުދެއްހެން ބޯހޫރުވާލާ އަހަރެން އިނީއެވެ.

އެދުވަހަށްފަހު ދެމީހުންގެ ލޯބީގެ ގުޅުން ކުރިއަށް ދިޔައެވެ. އާމިރުވީ ،ހުރިހާ ގޮތަކުން ވެސް އަހަންނަށް ކަމުދާ ޒުވާނަކަށެވެ. އަހަރެންބޭނުންވާ ކޮންމެ ކަމެއް ކޮށްދެއެވެ. އަހަރެން ކޮލެޖަށް ގެންދިޔުމާއި ގެނައުންވެސް އާމިރުގެ ވަޒީފާއަކަށް ވިއެވެ. އެކަމަށް އާމިރު ކުޑަކޮށްވެސް ފަރުވާކުޑައެއް ނުކުރެއެވެ. މަޑުމަޑުން އަހަރެންލާ އަންނައުނު ވެސް އާމިރު ރުހޭ ގޮތްގޮތަށް ބަދަލު ކުރަމުން ގެންދިޔައީމެވެ. ދިގުކޮށް ގަޔަށް ދޫކޮށް ލަމުން ދިޔަ ހެދުންތައް ގަޔަށް ބާރު ކުރު ހެދުމަށް ބަދަލުކުރީމެވެ. ސާދާކޮށް އަޅަމުން ދިޔަ ކަޅު ބުރުގާ މޮޑަން ޝޯލަށް ބަދަލުކުރީމެވެ. އަހަރެން ގެންގުޅޭ ފައިވާން އުސްވެ މޫނުގައިވާ ގުދުރަތީ ރީތިކަން މޭކަޕަށް ބަދަލު ކުރީމެވެ. އަހަރެންނަށް މިބަދަލު އައުމާއެކު އަހަރެން ފަހަތުން ދުވާ ފިރިހެނުން ގިނަވިއެވެ. އަހަރެން އެކަމާއި ފަޚުރުވެރި ވާންފެށީމެވެ.

ގިނަވަގުތު ޝޯޝަލް މީޑިއާގައި ހޭދަވެ ކިޔަވަން ފޫހިވާންފެށިއެވެ. ދުވާލަކު ތިންފަހަރު މައިންބަފައިންނަށް ގުޅާ ގުޅުން މަދުވާން ފެށިއެވެ. މިކަމާއި މަންމަ ވަރަށް ޝަކުވާކުރިއެވެ. ކިޔެވުމުގައި ބިޒީކަމަށް ބުނެ މަންމަގެ ޝަކުވާކުރުންތައް ހުއްޓުވީމެވެ. ދެވަނަ ސެމިސްޓާގެ ނަތީޖާ ލިބުނުއިރު ފާސްނުވާ ދެމާއްދާ އޮތެވެ. އެދެމާއްދާ ރިޕީޓުކުރަން ޖެހުނެވެ. މިކަމާއި ވަރަށް ދެރަވެ އާމިރު ކައިރީގައި ރުއީމެވެ. އެމާއްދާތައް އަލުން ހަދާ ކިޔަވަން މަސައްކަތްކުރަން ހިތްވަރު ދިނުމުގެ ބަދަލުގައި އާމިރު ދިނީ އެހެން ހިޔާލެކެވެ.

"ލޯބި ތިހާވަރުން ކިޔަވާނެ ކަމެއް ނެތް. ދުވަސްކޮޅަކު މަޖާކޮށްލުމަށްފަހު ދެން ތިކަންކުރާނީ. ދެމީހުން އުފާވެރި ދުވަސްކޮޅެއް ހޭދަކުރަމާ ހިނގާ!" އާމިރުގެ މިހިޔާލަށް އަހަރެން ތާއިދު ކުރީމެވެ. އަދި ކިޔެވުން ވަގުތީ ގޮތުން ހުއްޓާލީމެވެ. އެއާއެކު އަހަރެންގެ ހުރިހާ ވަގުތެއް އާމިރަށް ހުސްކުރެވުނެވެ.

އަހަރެން ހިތްހަމަ ޖައްސާ ދިނުމަށްޓަކައި އޭނަގެ ރައްޓެއްސެއްގެ ޕާޓީއަށް އަހަރެން ގެންދިޔައެވެ. އެތަނުގައި ދެޖިންސުގެ މީހުން މަސްހުނިވެ ނަށާ އަދި މަޖާ ނަގަމުން ދިޔައެވެ. އަހަރެންނަށް އެކަންވީ އާކަމަކަށެވެ. އެތަނުގައި ހުންނަން އުނދަގޫވިއެވެ. ނަމަވެސް އާމިރު ގެ އެދުމުގެ މަތިން މަޑުކުރީމެވެ. އެތަނުގައި ވަރަށް އެކަހެރިކޮށް އަހަރެން ހުއްޓާ އާމިރު އަހަރެންނަށް ދިނީ އާފަލު ޖޫސްތައްޓެކެވެ. އާމިރަށް ކުރާ އިތުބާރެއްގެ ސަބަބުން އަހަރެން ބޯލީމެވެ. އެއާއެކު މީހާއަށް އާދަޔާ ހިލާފު ބާރެއް އައި ކަހަލައެވެ. ދެފަރާތްތައް ހޫރެމުން އަހަރެންވެސް ނެށުމުގައި ބައިވެރިވެ އެމީހުންގެ އެ ކުޅިގަނޑުގައި ބައިވެރިވީމެވެ.

އަހަރެންނަށް ހޭވެރިކަންވީ ގަޔަށްހޫނުވާން ފެށުމުންނެވެ. ދެލޯ އުގުޅަމުން ލޯހުޅުވާލީމެވެ. ގައިގައި އެއްވެސް ފޭރާމެއް ނެތެވެ. އަހަރެން ކައިރީގައި ވަރަށް ހަމަ ޖެހިލައިގެން އާމިރު އޮތެވެ. އަޑުން އަޑުން ނަގާ ބާރަށް ރޯންފެށީމެވެ. އެއަޑަށް އާމިރު ފުންމައިގެން ތެދުވިއެވެ. އަދި ވީކީއްތޯ ސުވާލުކުރިއެވެ. "އާމިރު ކީއްވެ ތިހެން ތި ކަންތައްކުރީ؟ އަހަރެން ބުނީމެއްނު މެރީ ނުކޮށް ދެމީހުން ކައިރި ނުވާން!" އަމީރު އަހަރެން ގައިގައި ބައްދާލަމުން ވާހަކަ ދެއްކިއެވެ. "އެކަމާތަ ތި ރޮނީ. އަހަރެން ހީކުރީ އަނެއްކާ ބޮޑު ކަމެއްވީ ކަމަށް. ތިވަރުގެ ކަމަކާއި ރޯކަށްނުވާނެ. މީ އެވަރު ކަމެއްތަ؟ ރައްޓެހިވެގެން އުޅޭ އެންމެވެސް މިކަން ކުރާނެ. މިއީކުރީ ޒަމާނެއްނޫން. ތިހާ އޯލްޑް ފެޝަން ނުވެބަ. އެހެންނޫނަސް އަހަރެން ސަމާ ދޫކޮށް ނުލާން. އައިލަވްޔޫ! ޕްރޮމިސް ދެން އެހެންނުވާނެ" އެދުވަހު އާމިރުގެ އެވާހަކަތައް ހިތާއި ދެކޮޅަށް އަހަރެން ގަބޫލުކުރީމެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ އެއާއި މުޅި ހިލާފަށެވެ.

އެންމެ ފަހަރަކު ހެދުނު ގޯސް އާއްމު ކަމަކަށް ވެގެން ދިޔައެވެ. އާމިރުގެ އުފަލަށްޓަކައި އަދި އޭނަ އަހަރެން ދޫކޮށްލަފާނެތީ އެކަންކަމަށް އަހަރެން އެއްބަސްވީމެވެ. އެންމެ ފަހުން އަހަރެން އެކަމުގެ އަވާގައި ޖެހިގެން ދިޔައެވެ. އެކަން އެއީ އަހަރެންވެސް ކުރާހިތްވާ ކަމަކަށްވިއެވެ. އެކަމުން އިތުރަށް އުފާ ހޯދަން އާމިރު އަހަރެން ގޮވައިގެން ބެންކޮކަށް ދިޔައެވެ. ފުރަތަމަ ފަހަރަށް އެހެން އިތުރު އަންހެން ކުއްޖަކު އެކަމުގައި ބައިވެރި ކުރުވަން ޖެހިލުންވިއެވެ. ނަމަވެސް އާމިރުގެ ބަހަށް އެކަން ކުރީމެވެ. އެކަންވީ މިހާރުގެ ބަހުން ބުނާނަމަ ވަރަށް ސެޓިސްފައި ކަމަކަށެވެ. ދެދުވަސް ކޮށްފައި އާމިރު ދާން ބޭނުންވިއެވެ. އެހެންނަމަވެސް އަހަރެން ބޭނުންވީ އަދި އިތުރު އެއްދުވަސް މަޑުކުރާށެވެ.

ތިންދުވަސް ކޮށްފައި މާލެ ދިޔައިރު ބުޅާވަނީ ގޯނިން ބޭރުވެފައެވެ. އަހަރެންގެ ފޯނަށް ނުގުޅޭތީ އެކަމާއި ކަންތައް ބޮޑުވެގެން ބައްޕަ އަހަރެންނަށް ވީކީއްތޯ ބަލަން މާލެ އައީއެވެ. އަހަރެން ކޯހުން ކެނޑުނުކަމާއި އަދި ކުއްޔަށް ހުންނަ ގެއިން ނިކުމެ އާމިރު އާއި އެކު އޭނާގެ ކޮޓަރީގައި އުޅޭކަން އެނގުނީއެވެ. ވީދެރައިންނާއި އައި ރުޅިން ބައްޕަ ވަރަށް އެއްޗިހި ކިޔެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލައިގެން ހުރީމެވެ. އަހަރެން އެކަމުން ސަލާމަތްކުރުމަށް ބައްޕަ މާލެއިން ފުރީ އަހަރެން ގޮވައިގެންނެވެ. އެކަމާއި ދެކޮޅު ހަދާކަށް އަހަންނަކަށް ނުކެރުނެވެ.

ރަށަށް އައުމާއެކު ކޮޓަރީގައި އަހަރެން ތަޅުލެވުނެވެ. ގެއިން ބޭރަށް ދިޔުމުގެ ހުއްދައެއް ވެސް ނެތެވެ. އަދި އަހަރެންގެ ފޯނުވެސް ބައްޕަ އަތުލިއެވެ. ގޭގައި އެހެން ބަންދުވެފައި ހުންނަން އަހަރެން ބޭނުމެއް ނުވިއެވެ. އިހުސާސްވެގެން ދިޔައީ ޖަލެއްގައި ބަންދުވީހެންނެވެ. އަހަރެންނަށް ލިބެމުން އައި އުފާތައް އެއްކޮށް ހުސްވީހެންނެވެ. އެހެން އެގޮތްތައް ހުންނާކަށް ބޭނުމެއް ނުވިއެވެ. އެ ޖަލުން ސަލާމަތްވާން މަސައްކަތްފެށީމެވެ.

މެންދުރު ކެއުމުގެ ވަގުތު މަންމަ ކޮޓަރިއަށް ވަންނަށް ގާތްވުމާއެކު ބަނޑުގައި ހިފަހައްޓައިގެން އިނދެ އަހަރެން ވަރަށް ބާރަށް ރޯންފެށީމެވެ. ވަގުތުން އަހަރެން ހޮސްޕިޓަލަށް ގެންދެވުނެވެ. ޑޮކްޓަރު ބަލާ ޗެކުކުރުމަށްފަހު ބޭސް ލިޔެދީފައި ގެއަށް ފޮނުވާލިއެވެ. އަހަރެން ބަލިކަން އެނގުމުން ކޮޓަރިން ބޭރަށް ނެރުނެވެ. މަންމަގެ ބެލުމުގެދަށުގައި ގޭގައި އުޅެވޭގޮތްވިއެވެ. އެހެންކަމުން ރަނގަޅު ފުރުސަތެއް ހޯދާފައި މަންމަގެ ފޯނުން އާމިރަށް ގުޅީމެވެ. އަދި މާލެ ގެންގޮސް ދިނުމަށް އެދި އާދޭސްކުރީމެވެ. އާމިރު އެކަމަށް އެއްބަސްވެ އެކަން ކުރަންވީ ގޮތް އަހަރެންނަށް ކިޔައި ދެމުން ފޯނު ބޭއްވިއެވެ.

އޭގެ ދެ ދުވަސްފަހެވެ.މަންމަ އާއި ބައްޕަ ނިދުމާއެކު މުޅިގެއަށް ވެރިވީ ހަމަ ހިމޭންކަމެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން އަހަރެން ނިކުތީމެވެ. އަތުގައި އޮތް ދަބަސް ކޮނޑަށް ހެޔޮވަރު ކޮށްލަމުން ވަރަށް މަޑުމަޑުން ބޭރު ދޮރުހުޅުވާ ބޭރަށް ނިކުތީމެވެ. މަގަށް ވެރިވެފައިވާ އަނދިރިކަމުންނާއި ހަމަހިމޭންކަމުން ހިތަށް ވެރިވީ ބިރުވެރިކަމެވެ. އެހެންނަމަވެސް އަވަސް ފިޔަވަޅުތަކެއް އަޅަމުން ނިކުތީ ބަނދަރު މައްޗަށެވެ. ފަޅު ދޯނިތައް ފިޔަވައި އެއްވެސް އެއްޗެއް ނެތެވެ. އަހަރެން ބަނދަރުމަތީ މަޑުކޮށްލިތާ މާގިނައިރެއް ނުވެ އާމިރު ލޯންޗުގައި އައިސް މަޑުކޮށްލިއެވެ. އެންމެ ސިކުންތެއްވެސް ލަސްނުކޮށް އަހަރެން ލޯންޗުގެ ތެރެއަށް ދެމިގަތީމެވެ.

ދިގު ދަތުރަކަށްފަހު އަހަރެންނަށް މާލެ އާދެވުނެވެ. މާލެ ފޭބުމުން ޖަލަކުން މިނިވަންވީ ކަމުގެ އިހުސާސް ކުރެވުނެވެ. އާމިރު އަހަރެން ގޮވައިގެން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އަދި ދެމީހުން އެކަކު އަނެކަކު ގައިގައި އޮޅުލައިގަތް ގޮތުން ހީވީ އަހަރު ތަކެއްފަހުން ބައްދަލު ވިހެންނެވެ. އަނެއްކޮޅުން އަހަރެން ފިލައިގެން ދިޔުމުގެ ސަބަބުން އަހަރެންގެ މައިންބަފައިން ކަރުނަ އަޅާ ރޮމުން ދިޔައެވެ. އެފަދަ އަނިޔާއެއް އެމީހުންނަށް އަހަރެން ދޭނެ ކަމަކަށް އެމީހުން އެއްވެސް ވަރަކަށް އުއްމީދެއް ނުކުރެއެވެ. ނަމަވެސް އެދުވަހު އަހަރެންނަށް އެއިން އެއްވެސް ކަމެއް މުހިއްމެއް ނުވިއެވެ. މުހިއްމުވީ އާމިރު އެވެ. އަދި އަހަރެންނަށް ލިބެމުން ދިޔަ އުފާތަކެވެ.

މާލެ އައިތާ ދެދުވަސް ފަހުން ބައްޕަ އަނެއްކާވެސް އަހަރެންބަލާ އައެވެ. އާމިރު އުޅޭ ތަން ހޯދައިގެން ސީދާ އެތަނަށެވެ. ނަމަވެސް އަހަރެން ބައްޕަ މޫނުމަތީގައި މިފަހަރު ނޫނެކޭ ބުނީމެވެ. ބާލިޣުވެފައި ހުރުމުގެ ސަބަބުން ބައްޕައަށް އަހަރެން ގަދަކަމުން ގެންދިޔުމުގެ ބާރެއް ނެތެވެ. އެހެންކަމުން އިސްޖަހާލައިގެން ބައްޕަ ނިކުމެގެން ދިޔައީއެވެ. އެދުވަސް ސިފަވުމުން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އިތުރުވެގެން ދިޔައެވެ.

އެއަށްފަހު އަހަރެންގެ ހަޔާތަށް އަނެއްކާވެސް އައީ ބަހާރު މޫސުމެވެ. އެއްވެސް ފިކުރެއް ވިސްނާލުމެއް ނެތި އުޅެމުން ދިޔައީމެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ ފައިސާ ހުސްވެ ދެމީހުންގެ ދޭތެރޭގައި މައްސަލަ ދިމާވާން ފެށިއެވެ. އެހެންކަމުން އަހަރެން ވަޒީފާއަށްދާން ފެށީމެވެ. އެހާ ގިނަވަގުތު އަދި އެހާ ބުރަކޮށް މަސައްކަތްކުރަން އަހަރެން ބޭނުމެއް ނުވިއެވެ. ބޭނުންވީ އަވަހަށް ގިނަ ފައިސާ ހޯދޭނެ ގޮތެކެވެ. އެހެންކަމުން އާމިރުގެ ވެސް ރުހުމާއެކު މީހުން ހިތްހަމަ ޖައްސައިދޭ ބާޒާރަށް ނިކުތީމެވެ. އެމީހުން ބޭނުންވާ ގޮތްތައް ހުރިހާ ކަމެއް ކޮށްދެމުން ދިޔައީމެވެ. އެއާއެކު އަހަރެން ރުފިޔާއިން ފެންވަރަން ފެށީމެވެ. އަދި ވަކިން ފުލެޓެއް ކުއްޔަށް ނަގާ ވަކި ދިރިއުޅުމެއް އުޅެން ފެށީމެވެ. އެހިސާބުން އާމިރުގެ މުހިއްމުކަން ގެއްލި އެނާ އާއި ވަކިވީމެވެ. އެއަށްފަހު ހަޔާތަށް އައި ލޯބިވެރިންގެ އަދަދު އިނގިލިން ގުނާ ހުސްނުވާހާ ގިނައެވެ. ކުރަމުން މިދާ ނުބައިކަންތަކުގެ ޖަޒާ ލިބޭނެކަމުގެ ކުޑަވެސް ވިސްނުމެއް ނެތި ދުވަސްތައް ފާއިތުކުރަމުން ދިޔައީމެވެ.

މީގެ އަހަރެއް ކުރިން ހުންއައިސް އަހަރެން ބަލިވާންފެށިއެވެ. ޕެނަޑޯލް ގުޅައަކުން އެކަން ރަނގަޅުވާނެ ކަމަށް ޑޮކްޓަރަށް ނުދައްކާ ހުރީމެވެ. އެންމެ ފަހުން ކެތްނުވެގެން ޑޮކްޓަރަށް ދެއްކީމެވެ. އަދި އަހަރެންނަށް ވަމުންދާ ގޮތް ކިޔައިދިނުމުން ލޭގެ ޓެސްޓް ތަކެއް ހަދަންދިނީމެވެ. މިކަމުން ސަލާމަތްވުމަށް އަހަރެން އެޓެސްޓް ތައް ހެދީމެވެ. އެގޭ ނަތީޖާ ލިބުމާއެކު އަހަރެންގެ އުފާވެރި ދުނިޔެ މިވަނީ އެފުން މުފުށަށް ޖެހިފައެވެ. "ސަމާ އެއިޑްސް އަށް ޕޮޒިޓިވް!" ޑޮކްޓަރުގެ މި ޖުމްލަ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. އަހަރެންގެ ހިނގުން މަޑުވީ ފަހަތުން ވަރަށް ބާރަށް ބަރުގަނޑު އަޅާ އަޑަށެވެ. އޭރު ލޮލުން ފައިބަމުންދާ ކަރުނަތައް ކޯތާފަތް އެއްކޮށް ތެތްމާލައިފިއެވެ. އަހަރެން އެއްފަރާތްތައް ވެސް ޖެހެން ނޭނގި ކާރާއި ދިމާލަށް ބަލަން ހުރީމެވެ. އަނެއްކާވެސް ކާރުގެ ބަރުގަނޑު އަޑާއެކު އަހަރެން އެއްފަރާތަށް ޖެހިލީމެވެ. އަދި މަގުގެ އެއްފަރާތުގައި އިނދެގެން އަނެއްކާވެސް ރޯންފެށީމެވެ.

އަހަރެން ގެއަށްވަތްއިރު މުޅިމީހާ ވަނީ ހިތާމައާއި ބިރުވެރިކަމެއްގައި ގެނބިފައެވެ. ފައިލު ސޯފާ މައްޗައް އެއްލާލުމަށްފަހު ފާހާނާއަށް ވަނީމެވެ. އަދި މާގަނޑު ދޫކޮށްލަމުން އަނެއްކާވެސް ރޯންފެށީމެވެ. ކިތައްމެ ރޯން ބޭނުން ނުވިޔަސް އެކަން ހުއްޓުވޭނެ އިޚްތިޔާރެއް ނެތެވެ. އަހަރެން ފެންވަރައިގެން ނިކުމެ ފަސްއަހަރު ފަހުން ފުރަތަމަ ފަހަރަށް ނަމާދަށް ކޮޅަށް ހުއްޓުނީމެވެ. ކޮށްފައިވާ ފާފަތަކަށް ތައުބާވެ މާތްﷲގެ ހަޒުރަތުން ފާފަ ފުއްސަވާ ދެއްވުމަށް އެދި ދެންނެވީމެވެ.

ނަމާދުކޮށް ނިންމާލުމަށްފަހު އަހަރެން މަންމައަށް ގުޅާލީމެވެ. މަންމަގެ އަޑު ކަންފަތުގައި ޖެހުމާއެކު އަހަރެން އަޑުން އަޑުނަގާ ރޯންފެށީމެވެ. ފަސްއަހަރުވިޔަސް އަހަރެންގެ އަޑެއް މަންމަ ހަނދާނެއް ނުނެތެއެވެ. "މަންމާ! އަހަރެންނަށް މާފުކުރޭ. އަހަރެންނަށް ކަންތައް ކުރެވުނު ގޮތުގެ ސަޒާ އަހަރެންނަށް މިވަނީ ލިބިފަ. އަހަރެން ބޭނުން މަންމައާއި ބައްޕަ ދެކިލަން... ފަހަރެއްގައި ދެން.... މިހިސާބަށް ބުނެފައި އަހަރެން ފޯނު ކަނޑާލީމެވެ. އިތުރަށް ވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނެވެ.

އޭގެ އަނެއް ދުވަހު އަހަރެން ރަށަށް ދިޔައީމެވެ. މަންމަ އާއި ބައްޕަވަނީ އިތުރަށް މުސްކުޅިވެފައެވެ. މަންމަ ފެނުމާއެކު މަންމަ ގައިގައި ބައްދާލުމަށްފަހު ރޯންފެށުނެވެ. ބައްޕަ އަނގައިން ނުބުނެއެވެ. އެކަމާއި އަހަރެން ޝަކުވާއެއް ނުކުރާނަމެވެ. އަހަރެންނަށް ކަންތައް ކުރެވިފައިވަނީ މާފު ހައްގު ގޮތަކަށް ނޫންކަން ގަބޫލު ކުރަމެވެ. ނަމަވެސް އަހަރެން އުމުރުގައި ބާކީ މިއޮތް ދުވަސްތައް ހޭދަކުރާނީ އެމީހުންގެ ގާތުގައި އެމީހުންގެ ހިދުމަތުގައެވެ. އަހަރެންނަށް ވިސްނުނުއިރު ވަގުތު މިވަނީ ފާއިތުވެފައެވެ. އަހަރެންގެ ނަސޭހަތަކީ އަހަރެން ފަދައިން އުޅެންމުންދާ ހުރިހާ ކުދިންވެސް ވިސްނާލާ އެއުޅުން އިސްލާހިކޮށް މާތްﷲގެ މަގަށް ރުޖޫއަ ވުމެވެ. މިނިވަންކަމަކީ އަދި އުފަލަކީ އަމިއްލަ އިއްފަތްތެރިކަން ވިއްކާލުމެއް ނޫނެވެ. އަދި ފައިސާއެއްވެސް ނޫނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!