ރައީސް މުއިއްޒު ރަސްމާލެ ސަރަހައްދު ބައްލަވާލައްވައިފި
ރަސްމާލެ ބިން ހިއްކާ ސަރަހައްދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަޑައިގަންނަވައި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލައްވައިފިއެވެ.
މިއަދު އެ މަނިކުފާނު ރަސްމާލެއަށް ވަޑައިގެންނެވީ ކ. ގުޅީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަމުން އެމަނިކުފާނު ކުރެއްވި ދަތުރުފުޅަށް ފަހުގައެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި މަޝްރޫއުގައި ބިން ހިއްކަމުން ދަނީ އެކި ސަރަހައްދުތައް، އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.
މީގެ ތެރެއިން 3 ސަރަޙައްދެއްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދަވާއިރު، ސައިޓް-ޖޭގެ ސައްތަ އިންސައްތަ މިހާރު ވަނީ ހިއްކައި ނިންމަވައިފައެވެ. ސައިޓް-އެލް ގެ 25.53 އިންސައްތަ، އަދި ސައިޓް-ސީގެ 20.09 އިންސައްތަ ވަނީ ނިންމަވައިފައެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ބޭއްވި ރަސްމީ ޖަލްސާގައި، ރައީސް މުޢިއްޒު ވަނީ 5 މަހެއްހައި ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޢުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމުގައި ވަނީ ވިދާޅުވެފައެވެ.
އަދި މާލޭ ސަރަޙައްދުގައި ބިންހިއްކުމުގެ މަޝްރޫޢުތައް މިހާރު ވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، ކުރިއަށް އޮތް ޑިސެމްބަރު މަހަކީ މި ދުވެލި އިތުރަށް ބާރުވެގެންދާނެ މަހެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އިތުރު ޑްރެޖަރުތަ ކާއެކު، ރަސްމާލޭ ބިންހިއްކުމުގެ ދުވެލި، 3 ގުނަ ހަލުވިވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވައިފައެވެ.
ރަސްމާލެއަކީ އީކޯ ފްރޭންޑްލީ ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ބޯހިޔާވަހިކަމަށް ފުރިހަމަ ހައްލެއް ގެނައުމުގެ ގޮތުން ކ. ފުށިދިއްގަރުފަޅުގައި ތަރައްޤީކުރާ ރަށެކެވެ.

