ހެލްތު އެކްސްޕޯ 2025 ފަށައިފި
ސިއްހީ ގޮތުން ދުޅަހެޔޮ އާދަތަކަށް އާންމުން ހޭލުންތެރިކޮށް މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ހެލްތު މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ހެލްތު އެކްސްޕޯ 2025" މިއަދު ފަށައިފި އެވެ.
މިއަދު ހަވީރު ސެންޓްރަލް ޕާކުގައި ފެށި އެ ހެލްތު އެކްސްޕޯ ހުޅުވައިދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެވެ.
އެކްސްޕޯ ހުޅުވައިދެއްވުމަށް ފަހު އެކަމަނާ ވަނީ އެކްސްޕޯގައި ހިމެނޭ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ސްޓޯލްތަކުން ފޯރުކޮށްދޭ މައުލޫމާތު ވެސް އޮޅުންފިލުއްވާފަ އެވެ.
އެ އެކްސްޕޯ އަންނަ ހޮނިހިރު އަދި އާދިއްތަ ދުވަހުވެސް ކުރިއަށް ގެންދާނެ އެވެ.
ސިއްހީ ކަންކަމާ ގުޅޭ ސައްހަ މައުލޫމާތުދީ ވަށާޖެހޭ ފުރިހަމަ ނިޒާމެއްގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލުތައް ހިމެނޭހެން ދާއިރާގެ ކަމާ ގުޅުންހުރި، 50 އަށްވުރެ ގިނަ ޖަމިއްޔާ، ޖަމާއަތްތަކުން މި އަހަރުގެ އެކްސްޕޯގައި ބައިވެރި ވެއެވެ.
އެ އެކްސްޕޯގެ ޝިއާރެއްގެ ގޮތުން ކަނޑައަޅާފައިވަނީ "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" އެވެ.
މިއީ ހުރިހާ އުމުރެއްގެ ބޭފުޅުންނަށް ވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ އެކްސްޕޯއެކެވެ.
