ޖުމުލަ ދަރަނި 151 ބިލިއަނަށް ؛ ދަރަނި ދައްކަން 3.5 ބިލިއަން ރުފިޔާ
ރާއްޖޭގެ ޖުމްލަ ދަރަނި 151 ބިލިއަން ރުފިޔާއަށް އެރިއިރު ދަރަނި އަދާކުރަން ތިންވަނަ ކުއާޓަރުގެ ނިޔަލަށް 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތިންވަނަ ކުއާޓަރުގެ ޑެޓް ބްލެޓިން ދައްކާ ގޮތުން މި ކުއާޓަރާ ހަމައަށް ބަލާނަމަ ރާއްޖޭގެ ޖުމްލަ ދަރަނި 151 ބިލިއަން ރުފިޔާއަށް އުފުލި ޖީޑީޕީގެ ނިސްބަތުން 130 ޕަސެންޓަށް ވަނީ އަރާފައެވެ.
މި މުއްދަތުގައި ޖުމްލަ 3.5 ބިލިއަން ރުފިޔާ ވަނީ ދަރަނި އަދާކުރަން ހޭދަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ދަރަނީގެ ޕްރިންސިޕަލް އެމައުންޓަށް ދެއްކި 2.3 ބިލިއަން ރުފިޔާއާއި އިންޓްރެސްޓުގެ ގޮތުގައި ދެއްކި 1.2 ބިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީގެ މައުލޫމާތުތަކުގައިވާ ގޮތުން ރާއްޖޭގެ ބޭރުގެ ދަަރަނީގެ ނިސްބަތް މިހާރު ހުރީ 63 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 88 ބިލިއަން ރުފިޔާގަ އެވެ. އަދި ޖުމްލަ ދަރަނި ހުރީ 151 ބިލިއަން ރުފިޔާގައެވެ. އަދި ރާއްޖޭގެ ސޮވްރިން ގެރެންޓީ ދީފައިވާ ދަރަނި ހުރީ 20,8 ބިލިއަން ރުފިޔާގައެވެ. އަދި ސޮވްރިން ގެރެންޓީ ދީފައިވާ ބޭރުގެ ދަރަނި ހުރީ 20 ބިލިއަން ރުފިޔާގައެވެ. އަދި އެތެރޭގެ ދަރަނި ހުރީ 638.4 ބިލިއަން ރުފިޔާގައެވެ.
ރާއްޖެ ދަރަނި އުފުލިގެން ދިޔައިރު އަންނަ އަހަރުގެ އެޕްރީލް މަހު ރާއްޖޭގެ 600 މިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެއް ދައްކަން ޖެހެއެވެ. ސަރުކާރުން ބުނެފައި ވަނީ އެ ދަރަނި ދެއްކޭނެ ގޮތްތައް ވަނީ ހަމަޖެހިފައެވެ.

