ވިޔަފާރި

އާމްދަނީގެ ކުރިއެރުން ދެމެހެއްޓި، ތަރައްގީގެ މަޝްރޫއުތައް ހަލުވިވެއްޖެ

ފާތިމަތު އަފްނާން ، ދެން އޮންލައިން
ސަރުކާރުގެ އެމްޓީސީސީއިން ރަށެއްގެ ބަނދަރުގައި މަސައްކަތް ކުރަނީ

ސަރުކާރުން މުސާރަތައް އެއްހަމަކޮށްފައިވާ އިރު، އާމްދަނީގެ ކުރިއެރުން ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓިފައިވާކަމަށް ވީކްލީ ފިސްކަލް ރިޕޯޓުން ދައްކައިފިއެވެ.

ޖުމްލަ އާމްދަނީއާއި ހިލޭ އެހީ 33.2 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު މިއީ ކުރީ އަހަރުގެ 30.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.9 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ 7.7 އިންސައްތަ އިތުރުވެ 24.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު މުދަލާއި ހިދުމަތުގެ ޓެކްސް ނުވަތަ ޖީއެސްޓީ 11.5 އިންސައްތަ އިތުރުވެ 13.5 ބިލިއަން ރުފިޔާއަށް އަރާފައި ވެއެވެ. މީގެ ތެރެއިން މި އަހަރުގެ ޖުލައި މަހުން ފެށިގެން ޓޫރިޒަމް ޖީ.އެސް.ޓީ ނުވަތަ ޓީޖީއެސްޓީ ރޭޓު %17އަށް ބޮޑުކޮށްފައިވާތީ 13.7 އިންސައްތަ އިތުރުވެ 9.0 ބިލިއަން ރުފިޔާއަށް އަރާފައި ވެއެވެ.

ގްރީން ޓެކްސް 108.0 އިންސައްތަ އިތުރުވެ 1.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެއަޕޯޓް ސަވިސް ޗާޖަސް / ޑިޕާޗަރ ޓެކްސް 60.2 އިންސައްތަ އިތުރުވެ 1.5 ބިލިއަން ރުފިޔާއަށް އަރާފައި ވެއެވެ. ޓެކްސް ނޫން އާމްދަނީ 22.1 އިންސައްތަ އިތުރުވެ 8.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރެއިން އެކިއެކި ޚިދުމަތަށް ނެގޭ ފީގެ ގޮތުގައި ލިބޭ އާމްދަނީ 60.3 އިންސައްތަ އިތުރުވެ 3.7 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މި އިތުރުވުމުގެ ބޮޑުބައެއް ހިއްސާކުރަނީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިހާތަނަށް 1.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ 60.4 އިންސައްތައިގެ އިތުރުވުމެކެވެ.

ޚަރަދުތަކަށް ބަލާއިރު، ޖުމްލަ ޚަރަދު 34.1 ބިލިއަން ރުފިޔާގައި ހުރި އިރު، މިއީ ކުރީ އަހަރުގެ 39.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 13.5 އިންސައްތައިގެ ދަށްވުމެކެވެ. ސަރުކާރު ހިންގުމުގެ ޚަރަދުތައް 10.7 އިންސައްތައިން ދަށްކޮށް މިދިޔަ އަހަރާ އަޅައިބަލާއިރު 2.0 ބިލިއަން ރުފިޔާއިން ޚަރަދުތައް ކުޑަކޮށްފައިވެއެވެ. މިގޮތުން، ސަރުކާރުން ދޭ އެހީ އިޝްތިރާކާއި ސަބްސިޑީސްއަށް ކުރާ ޚަރަދުތައް ކުރީ އަހަރާ އަޅައިބަލާއިރު 4.0 އިންސައްތައިން ކުޑަކޮށްފައިވެއެވެ. އަދި ވަކިން ހާއްސަކޮށް ސަބްސިޑީއަށް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ އިތުރު ނަމަވެސް، މިބަޔަށް ހިނގާފައިވާ ޚަރަދުތައް ފާއިތުވި އަހަރާ އަޅައިބަލާއިރު 11.1 އިންސައްތަ ދަށެވެ. މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށްވެފައިވުމެވެ. މީގެ އިތުރުން ފައިނޭންސިންގ އަދި އިންޓަރެސްޓްގެ ޚަރަދުތައް 5.7 އިންސައްތަ ދަށްވެ 4.0 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ވޭތުވެދިޔަ ހަފްތާގައި، ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް އައިސްފައި ވަނީ ސަބްސިޑީތަކަށް ކުރާ ޚަރަދުތަކަށެވެ.

ކެޕިޓަލް ޚަރަދުގެ ޖުމްލަ 4.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ އަހަރުގެ 10.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 53.9 އިންސައްތައިގެ ދަށްވުމެކެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބަކީ މަޝްރޫޢުތަކަށް ހިނގާ ޚަރަދުތައް ކޮންޓްރޯލްކޮށް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސިންގ ފަދަ އުސޫލުތަކުގެ ދަށުން މަޝްރޫއުތައް ހިންގަން ފަށާފައިވާތީއެވެ. މި އަހަރު ފެށުނީއްސުރެ މިހާތަނަށް، ޕީ.އެސް.އައި.ޕީގެ ޚަރަދުތައް 6.9 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ކުރީ އަހަރުގެ 9.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއީ 25.6 އިންސައްތައިގެ ދަށްވުމެކެވެ. ޕީ.އެސް.އައި.ޕީގެ އެންމެ ބޮޑު ބައެއް ޚަރަދުކުރެވިފައި ވަނީ ދަތުރުފަތުރުގެ ދާއިރާއަށް ކަމަށްވާއިރު، މިއީ 4.3 ބިލިއަން ރުފިޔާއެވެ. ފާހަގަކޮށްލެވޭ ގޮތެއްގައި، ވައިގެ ބަނދަރުތަކުގެ އިންވެސްޓްމަންޓް 10.5 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބްރިޖްއެޅުމަށް 846.7 މިލިއަން ރުފިޔާ އަދި ބަނދަރުހެދުމަށް 309.4 މިލިއަން ރުފިޔާ ޚަރަދުކުރެވިފައި ވެއެވެ.

މި އަހަރު ފެށުނީއްސުރެ މިހާތަނަށް އޯވަރޯލް ބެލެންސް ސާޕްލަސް ނުވަތަ އަރަނިކޮށް ހުރުމަށްފަހު، އޮކްޓޫބަރު މަހުގެ ފަހު ހަފުތާގައި ޑެފިސިޓްވެފައިވާއިރު، 13 ނޮވެންބަރު 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓު އޯވަރޯލް ޑެފިސިޓް ހުރީ 807.3 މިލިއަން ރުފިޔާގައެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރިކޯޑުކުރެވުނު 9.1 ބިލިއަން ރުފިޔާގެ ޑެފިސިޓާ އަޅާބަލާއިރު، 91.1 އިންސައްތައިގެ ދަށްވުމެކެވެ. މި ކުރިއެރުން ޙާޞިލުވެފައިވަނީ އިގުތިސާދީ ކުރިއެރުމާއި އާމްދަނީގެ ފިޔަވަޅުތަކާއެކު އާމްދަނީ އިތުރުވެފައިވާތީއާއި ޚަރަދުތައް ކޮންޓްރޯލްކުރުމުގައި ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިވާތީއެވެ. މި މުއްދަތުގައި އޯވަރޯލް ބެލެންސް ޑެފިސިޓްކޮށް ހުރި ނަމަވެސް، ޕްރައިމަރީ ބެލެންސް 3.2 ބިލިއަން ރުފިޔާއިން ސަރޕްލަސް ވެފައިވެއެވެ.

06 ނޮވެމްބަރު 2025 ވަނަ ދުވަހު ސަރުކާރުން 53 އަމިއްލަ ކުންފުންޏަ ކާއެކު 206 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުންތަކުގެ ދަށުން 9 ދާއިރާއެއްގައި ކޮންޓްރެކްޓަރުން ފައިނޭންސްކުރާ އުސޫލުން ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ތަންފީޛުކުރެވޭނެއެވެ. މި ޕްރޮގްރާމުގެ ސަބަބުން އިސްކަންދޭ އިންވެސްޓްމަންޓްތަކަށް އަމިއްލަ ފަރާތްތަކުގެ ރައުސުލްމާލާއި ތަޖުރިބާ ބޭނުންކުރެވޭނެއެވެ. އަދި މި ގޮތުން މަޝްރޫއުތައް ހިންގުމަސް ބަޖެޓަށް ބަރޯސާނުވެ، މުހިންމު ޚިދުމަތްތަކަށް ބަޖެޓުގައި ޖާގަ ހިފެހެއްޓޭނެއެވެ.

މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުން، ދައުލަތުގެ ޚިދުމަތުގައި ހަމަހަމަ އަދި ޢަދުލުވެރި އޮނިގަނޑެއް ވަރުގަދަކޮށްދޭނެއެވެ. އަދި މި ސިޔާސަތާ އެކު ޚަރަދުތައް ކޮންޓްރޯލްކުރުމާއި ކެޕިޓަލް މަޝްރޫޢުތައް ފަރުމާކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އާމްދަނީ ކުރީ އަހަރަށް ވުރެ ރަނގަޅުވަމުންދާއިރު، ކެޕިޓަލް ޚަރަދުތައް އިތުރަށް އަމާޒުކުރެވެމުންދަނީ ކުރިއެރުމަށް މުހިންމު ވަސީލަތްތަކަށެވެ.

Ads by Ooredoo