އެމްޑީޕީގެ ޗެއާޕާސަންކަމުން ފައްޔާޒު އިސްތިއުފާ ދެއްވައިފި
އެމްޑީޕީގެ ޗެއާޕާސަންކަމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވައިފިއެވެ.
މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުން ފައްޔާޒު ވަނީ އެކަން އިއުލާން ކުރައްވައިފައެވެ.
ފައްޔާޒުގެ އިސްތިއުފާ ސިޓީގެ ކޮޕީއެއް ވަނީ 'ދެން'އަށް ވެސް ލިބިފައެވެ. އޭނާގެ އީސްތިއުފާގެ ސަބަބަކަށް އޮތީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުއާއި ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޕާޓީ ހިންގުމަށް އޮތް ހުރަހަކަށް އޭނާ ނުވުމެވެ.
އެމްޑީޕީގެ އިސްލާހީ ހަރަކާތުގެ އިސް ބައެއް ބޭފުޅުން މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ނުވުމަކީ ޕާޓީއަށް އިންތިހާބު ނާކާމިޔާބުވި އެންމެ ބޮޑު ސަބަބުގެ ގޮތުގައި ފައްޔާޒު ގަބޫލުކުރައްވާ ކަން އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އޭނާ އިޝާރާތްކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިންނަށެވެ.
ނަޝީދުއާއި ސޯލިހްއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ރިޔާސީ ޕްރައިމެރީގައި ސޯލިހްއާ ވާދަނުކުރައްވާ ގޮތަށް ރިޔާސީ އިންތިހާބުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެއްބަސްވެވުނުކަން ފާހަގަކުރެއްވިއެވެ.
ނަމަވެސް ސޯލިހް ހިމެނޭހެން ސަރުކާރުގެ އިސް ބޭފުޅުން ފަހުން ކޮންމެ ވެސް ސަބަބަކާ ހުރެ ނަޝީދުގެ ހުށަހެޅުއްވުމަށް ކުރިއަށް ދާން ބޭނުން ނުވި ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީއާއި ޑިމޮކްރެޓްސް ކޯލިޝަން ހަދައިގެން ވާދަކުރުމަށް ފައްޔާޒު ހުށަހެޅުއްވި ނަމަވެސް އެ ކަމަށް ތާއީދު ނުލިބި އެ އިންތިހާބުގައި ވެސް ދެ ޕާޓީއަށް ވެސް ލިބުނު ނާކާމިޔާބީ ފައްޔާޒުގެ ސިޓީގައި ފާހަގަކުރައްވައިފައި ވެއެވެ.

