އައިއެމްޑީސީގައި ސިޒޭރިއަން ހެދި ދިވެހި ޒުވާނަކު ނިޔާވެއްޖެ
އައްޑޫ ސިޓީގެ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ)ގައި ސިޒޭރިއަން ހެދި ދިވެހި ޒުވާން އަންހެނަކު މިއަދު ނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގައިފައި ވަނީ އޮޕަރޭޝަނަށް ފަހު ހާލު ދެރަވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.
ނިޔާވެފައި ވަނީ އައްޑޫ ސިޓީ ކައުންސިލްގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓްގެ މުވައްޒަފު، އެސޯސިއޭޓް ކައުންސިލް އޮފިސަރު ސ. ހިތަދޫ، ތަމަންނާގެ އައިޝަތު ނަޒާހަތު އަހުމަދު ދީދީ(28އ) އެވެ.
އައިޝަތު ނަޒާހަތު އަޙްމަދުދީދީގެ ހާލު ދެރަވުމުން އޭނާ ވަނީ އައިއެމްޑީސީއިން އެމަޖެންސީކޮށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް (އޭއީއެޗް) ގެންގޮސްފައެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އޭއީއެޗަށް އޭނާ ގެންދިޔައިރު ވެސް ވަނީ ނިޔާވެފައެވެ.
ނަޒާހަތު ނިޔާވިއިރު، އޭނާ ވިހެއި ދަރިފުޅުގެ ހާލު ވެސް ސީރިއަސްވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އެންއައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ. ދަރިފުޅުގެ ހާލަތު ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ މައުލޫމާތު ލިބެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

